އެޑިޓޯރިއަލް
އަހުމަދު ސަލީމް
މެނޭޖިންގ ޑައިރެކްޓަރ - ރާއްޖެ ޓީވީ

ރާއްޖެޓީވީގެ ކުޅިވަރު ކަވަރޭޖް ފެށެނީ ކުޅިވަރު ކުޅެ، އަމިއްލައަށް ކުރިއަށްގޮސް ތަރިއަކަށްވާން ގަދައަޅައި މަސައްކަތްކުރާ ކުޅުންތެރިޔާއާ ހަމައިންނެވެ. ރަށުގައި އޮންނަ ކުޅިވަރު މުބާރާތުގެ ތެރެއިންނެވެ. އަތޮޅު ފެންވަރުގައި ބޭއްވޭ މުބާރާތްތަކަށްވެސް ސަމާލުކަން ދީގެންނެވެ. ޤައުމީ ފެންވަރުގެ މުބާރާތްތަކާއި, ސަރަހައްދީ މުބާރާތްތަކުގެ އިތުރަށް ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގެ ޚަބަރާއި މައުލޫމާތާއެކުގަ އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތަކީ ވޯލްޑްކަޕަށް ފަހު އެންމެ ގިނަ ބައެއްގެ ޝައުގު އޮތް މުބާރާތެވެ. ކޮޕާ އެމެރިކާ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއާއެކު، ދެކުނު އެމެރިކާގެ ތަރިންގެ ވިދުން އުޖާލާވެގެންދާނެ ޖަގަހައެކެވެ. ކުޅިވަރުގެ މި ދެ އީދަށް ރާއްޖެ ޓީވީން ހާއްސަ ކަވަރޭޖެއް ގެނެސްދޭނަމެވެ. މުބާރާތުގެ ކޮންމެ ސުރުހީއެއް، ކޮންމެ ވާހަކައެއް އަޅުގަނޑުމެން ލިޔެ، ކިޔައިދޭނީ ކުޅުންތެރިންނާއި ކޯޗުންގެ ހިތުގައި ޖަހާ ވިންދާއި ކާމިޔާބީއާ ހަމައަށް ދަތުރުކުރުމަށް ވަމުންދާ ގުރުބާނީތަކުގެ ހުރިހާ ކުލަވަރުތަކެއް ހިމަނައިގެންނެވެ.

ކުޅިވަރު ޚަބަރާއި މައުލޫމާތު ގެނެސްދޭ ފަރާތަކީ ފާހަގަކުރެވޭ ބައެއްނޫނެވެ. ނަމަވެސް އަޅުގަނޑުމެން ރެފްރީގެ ފަހު ކަށިގަނޑަށް ފަހު ވެސް އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށްދާނެ އެވެ. މަސައްކަތް ކުރާނީ ޔޫރޯ އާއި ކޮޕާ އެމެރިކާ މުބާރާތުގެ ވާހަކައިން ކުރިއަރައިދާން ބޭނުންވާ ފަރާތްތަކަށް އެހީތެރިވެދީ މަގު ދައްކައިދިނުމަށެވެ. ކިއުންތެރިންނާއި ބެލުންތެރިންނަށް ކަންހިނގާ ގޮތް ކިޔައިދީ، ތާޒާ މައުލޫމާތު ގެނެސްދިނުމަށެވެ. އިޖްތިމާއީ އަގުހުރި ހިދުމަތެއް މާޒީ އަށް ދޫކޮށްލުމަށެވެ.

ބޭނުމަކީ ކުޅިވަރުން ދިވެހިންގެ ބަދަހިކަން އިތުރުކުރުމެވެ. ދިވެހިންކީ ފުޓްބޯޅައިގެ ބައެކެވެ. ޔޫރޯގެ ޝިއާރަކީ ވެސް ފުޓްބޯޅައިން އެކުވެރިވުމެވެ. މި ފަހަރުގެ ޔޫރޯ އާއި ކޮޕާ އެމެރިކާ މުބާރާތް ވެގެންދާނީ ދިވެހިންގެ ބޮޑު އީދުގެ މުނިފޫހިފިލުވުމުގެ މުހިންމު ބައިވެރިއަކަށެވެ.

މިހެންވެ ތިޔަބޭފުޅުންނަށް ރާއްޖެ ޓީވީން ގެނެސްދޭ ބޮޑު އީދު ހަދިޔާ އަކީ ޔޫރޯ އާއި ކޮޕާ އެމެރިކާ އަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ހާއްސަ ސޮފުހާވެ. ރާއްޖެޓީވީ އަބަދުވެސް ދެމި އޮންނާނީ މިފަދަ ކޮންމެ މުނާސަބަތެއްގައި ތިޔަބޭފުޅުންގެ ބައިވެރިއެއްގެ ގޮތުގަ އެވެ. ތެދު މައުލޫމާތު އަވަހަށް ގެނެސްދިނުމަށެވެ. ޔޫރޯ އާއި ކޮޕާ އެމެރިކާ އަށް ހާއްސަކުރާ ސޮފުހާގައި މި ދެ މުބާރާތުގެ ތާރީހާއި ޓީމުތަކާއި ތަރިން އަދި މުބާރާތުގެ ހާއްސަ ކަންކަން ހިމަނާފައިވާނެ އެވެ. ބޮޑު އީދުގެ ތަހުނިޔާ އަރިސްކުރަމެވެ.

ފިލިޕް ލާމް
ޔޫރޯ – ލޯކަލް އޮގަނައިޒިން ކޮމިޓީގެ ޗެއާރަމަން.

ކުޅުންތެރިއެއްގެ ގޮތުގައި އަހަރެންވާނީ ޖަރުމަނަށާއި ބަޔާން މިއުނިކަށް ފީފާ ވޯލްޑްކަޕާއި ޔޫރަޕިއަން ޗެމްޕިއަންސް ލީގުން ފެށިގެން ގޮސް އެތައް ތައްޓެއް ހޯދައިދީފަ އެވެ. އެކަމާ ފަހުރުވެރިވަމެވެ. ކުޅުންތެރިއެއްގެ ގޮތުގައި ހުރި އިރު އަބަދުވެސް ވިސްނަން ޖެހެނީ ކުޅޭ ދެ ޓީމަށެވެ. އިދިކޮޅު ޓީމާއި އަމިއްލަ ޓީމުގެ ރޭވުންތެރިކަމަށެވެ. ޕްރެކްޓިހާ މެޗަށެވެ. އެކަމަކު މުބާރާތެއް އޮގަނައިޒް ކުރުމަކީ މި ހުރިހާ ކަމެއްގެ އިތުރުން އެތައް ކަމަކާމެދު ވިސްނަންޖެހުނު ކަމެކެވެ. މުބާރާތެއް ކާމިޔާބު މުބާރާތަކަށް ހެދޭނީ މުޅި މުޖުތަމައުގެ އެއްބާރުލުން ލިބިގެންނެވެ.

ޖަރުމަނުގައި ޔޫރޯ ފުޓްބޯޅަ މުބާރާތް ބޭއްވުމަކީ އެތައް ގޮތަކުން ކުރިއެރުން ލިބޭނެ ކަމެކެވެ. ފުޓްބޯޅަ އަކީ އަބަދުވެސް މިސާލުތަކެއް ދައްކައިދޭ އަދި ދުރު މުސްތަގްބަލެއްގައި ކަމެއް ހާސިލްކުރުމަށް ބިންގާ އަޅަން އެންމެ ރަނގަޅު ކުޅިވަރެވެ. މި ފަހަރުގެ ޔޫރޯ އަށް ޖަރުމަނަށް އެތައް ބަޔަކު ޒިޔާރަތްކުރާނެ އެވެ. އެތައް ބަޔަކު ހަޔާތުގައި ދުވަހަކު ވެސް ތަޖުރިބާނުކުރާ އެތައް ކަމެއް ދެކޭނެ އެވެ. ޖަރުމަނަކީ ޔޫރަޕުގެ ފުޓްބޯޅައިގެ ހިތެވެ. މިހެންވެ ކަންކަން އެންމެ ތަރުތީބު މަގުން ބެހެއްޓުމަކީ ޖަރުމަނުގެ އެންމެހާ ރައްޔިތުންގެ އަތްމަތީގައި އޮތް ކަމެކެވެ. މެހުމާނުންނަށް ޖަރުމަނަކީ ރީތި، އަމާން، އަދި ހަމަޖެހޭ ގައުމެއްގެ ގޮތުގައި ދައްކައިދޭން ޖެހޭނެ އެވެ. ރެފްރީގެ ފަހު ކަށިގަނޑާއެކު މުބާރާޓުގެ ހުރިހާ ކަމެއް ނުނިމޭނެ އެވެ. އަހަރުމެން ޔޫރޯ ބިޑް ކާމިޔާބުކުރީ މުބާރާޓުގެ ތެރެއިން ކުރިމަގުގައި ދެމެހެއްޓެނެވި ގޮތެއްގައި ވަރަށް ގިނަ ކަންކަން ހާސިލްކުރުމަށް އެއްބަސްވެގެންނެވެ.

މިހުރިހާ ކަމަކާއެކު ޖަރުމަނުގެ ފުޓްބޯލަ ފެޑަރޭޝަނާއި ޖަރުމަނުގެ ގައުމީ ޓީމުގެ މަސައްކަތުގައި ކާމިޔާބު ލިބިގެންދިއުމަކީ އަހަރެން ވެސް އެންމެ ދެކެން ބޭނުންވާ ކަންތަކެވެ. ޖަރުމަނުގެ ސްކޫލްތަކާއި ތައުލީމީ ހަރަކާތްތަކާއި އިޖްތިމާއީ ހަރަކާތްތައް މިހާރު ވަނީ ކުޅިވަރާއި ހާއްސަކޮށް ޔޫރޯއާ ގުޅިފަ އެވެ.
ޔޫރޯ އަކީ ފުޓްބޯޅައިގައި ޖަރުމަނު އިތުރަށް ދިއްލާލަން ލިބޭނެ ފުރުސަތެކެވެ. ޔޫރަޕުގެ ފުޓްބޯޅައިގައި އެންމެ މުހިންމު ތަނުގައި ބޮޑު މުބާރާތެއް މި ބާއްވަނީ ހަމައެކަނި އުފަލަކަށްނޫނެވެ. މުޅި ޔޫރަޕަށް މުހިންމު އެތައް ކަމެއް ހާސިލްކޮށްދޭނެ ބާރުގަދަ ވަސީލަތަކަށް ފުޓްބޯޅަ ހެދުމާ ވެސް އެކުގަ އެވެ.


Copyright © 2024, Raajje Television Pvt Ltd. All rights reserved.