މުބާރާތުގެ ތައާރަފް

ޔޫރޯ 2024: ދިވެހިން ފަރިތަ މުބާރާތެއް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އަސްލު ނަމަކީ ޔޫރަޕިއަން ޗެމްޕިއަންޝިޕެވެ. މިއީ ދެ ވަނަ އަށް ދުނިޔޭގައި އެންމެ ގިނަ މީހުން ބަލާ ފުޓްބޯޅަ މުބާރާތެވެ. އެންމެ ފަހުން މި މުބާރާތް ބާއްވާފައިވަނީ ކޮވިޑް19ގެ ސަބަބުން އެއް އަހަރު ފަސްކުރަން ޖެހުމުން 2021 ވަނަ އަހަރު އެވެ. އެ މުބާރާޓުގެ ފައިނަލް މެޗު ދުނިޔޭގެ އެކި ކަންކޮޅުތަކުން 600 މިލިއަން މީހުން ބަލާފައިވެ އެވެ. ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބާއްވާ މި މުބާރާތް އެންމެ ފުރަތަމަ ބޭއްވީ 1960 ވަނަ އަހަރު އެވެ. ޖަރުމަނުގައި މި ފަހަރު މި ބާއްވަނީ ޔޫރޯގެ 17 ވަނަ ފުޓްބޯޅަ މުބާރާތެވެ.

މިފަހަރުގެ މުބާރާތުގައި ބައިވެރިކޮށްފައިވަނީ 24 ޓީމެވެ. މި ޓީމުތައް ހޮވާފައިވަނީ މެމްބަރު ގައުމުތަކުގެ މެދުގައި ކޮލިފައިން މެޗުތައް ކުޅުމަށްފަހު އެވެ. މިއީ ޖަރުމަނުގައި މި މުބާރާތް ބާއްވާ ތިން ވަނަ ފަހަރެވެ. ޖަރުމަނަށް މި ފަހަރުގެ މުބާރާތް ބޭއްވުމުގެ ފުރުސަތު ލިބުނީ ތުރުކީއާ ވާދަކޮށް ބިޑް ކާމިޔާބުކޮށްގެންނެވެ. ޔޫއޭފާގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުންގެ ސިއްރު ވޯޓަށް ފަހު ޖަރުމަނަށް ބިޑް ކާމިޔާބު ކުރެވުނުކަން އިއުލާނުކުރީ 2017 ވަނަ އަހަރު އެވެ.

ޖަރުމަނުގައި މި ފަހަރުގެ މުބާރާތް 10 ދަނޑެއްގައި ކުޅޭނެ އެވެ. މީގެ ތެރެއިން ޑުސެލްޑޯފް އެރީނާ ފިޔަވައި އެހެން ހުރިހާ ދަނޑުތަކަކީ 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ފީފާ ވޯލްޑްކަޕް ކުޅުނު ދަނޑުތަކެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވާ ވާދައިގެ ތައްޓާއެކު ފައިސާގެ އިނާމެވެ. ޔޫރޯގެ ޗެމްޕިއަން ޓީމަށް އެންމެ ފުރަތަމަ ދެމުން އައި ތަށީގެ ނަމަކީ އެ ޖަމާއަތުގެ އެންމެ ފުރަތަމަ ޖެނެރަލް ސެކްރެޓަރީ ހެންރީ ޑެލައުނޭގެ ނަންދީފައިވާ ހެންރީ ޑެލައުނޭ ޓްރޮފީ އެވެ. މި ތަށި ކުޑަކަމުން ޔޫއޭފާގެ އެހެން މުބާރާތްތަކުގައިދޭ ތަށިތަކަށްވުރެ ޔޫރޯގެ ތަށީގެ ހައިބަތު ދައްކުވައިނުދޭތީވެ ތަށި އަލުން ފަރުމާކޮށް، ސައިޒު ބޮޑުކުރީ 2008ގަ އެވެ. ސްޓާލިން ސިލްވާއިން ތައްޔާރުކޮށްފައިވާ ތަށީގެ މިހާރުގެ ދިގުމިނުގައި 60 ސެންޓިމީޓަރު ހުރެ އެވެ. ބަރުދަނުގައި އަށް ކިލޯ ހުރެ އެވެ.

މި ފަހަރުގެ މުބާރާތަށް ކޮލިފައިވި 24 ގައުމުގެ ތެރެއިން ޔޫރޯގައި އަލަށް ކުޅޭ ގައުމަކީ ޖޯޖިއާ އެވެ. ޔޫރޯގެ ކޮލިފައިންގެ ވަކި ހިސާބަކުން ސަސްޕެންޑްކުރި ގައުމަކީ ރަޝިޔާ އެވެ. އެއީ ޔުކްރޭނަށް އަރައި ހަނގުރާމަކުރަން ފެށުމުގެ ސަބަބުންނެވެ. މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތު ބޭއްވީ މިދިޔަ ޑިސެމްބަރު މަހު ޖަރުމަނުގެ ހަމްބާގުގަ އެވެ.

މުޅި މުބާރާތުގައި ކުޅޭނީ ޖުމުލަ 51 މެޗެވެ. މި މެޗުތަކަށް އިންސާފު ކުރުމަށް ރެފްރީންނާއި އެސިސްޓެންޓް ރެފްރީން އަދި ވީޑިއޯ އެސިސްޓެންޓް ރެފްރީން ނަގާފައިވާއިރު ޔޫރަޕުން ބޭރުން ހިމަނާފައިވަނީ އާޖެންޓީނާގެ ރެފްރީންނެވެ. މިއީ ޔޫރޯގައި އެހެން ބައްރެއްގެ ރެފްރީން ބޭނުންކުރާ ފުރަތަމަ ފަހަރެވެ.
މުބާރާތުގެ ޓީމު ލިސްޓެއްގައި 26 ކުޅުންތެރިން ހިމަނަންވާނެ އެވެ. އަދި މި ފަހަރުގެ މުބާރާތަކީ 24 ޓީމުގެ ފޯމެޓައް ޔޫރޯ ކުޅޭނެ ފަހު ފަހަރުކަމަށް ޔޫއޭފާއިން ވަނީ ނިންމާފަ އެވެ.

Copyright © 2024, Raajje Television Pvt Ltd. All rights reserved.