އެމިލިއާނޯ މާޓިނޭޒް ރޮމޭރޯ
އުމުރު:
31
ކުލަބް:
އެސްޓަން ވިލާ
ޖާޒީ ނަންބަރު:
23
އިސްކޮޅު:
-
ޕޮޒިށަން:
ގޯލު ކީޕަރު

އެމެލިއާނޯ މާޓިނޭޒް އަކީ އާޖެންޓީނާގެ އެއްވަނަ ކީޕަރެވެ. މިދިޔަ 10ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އާޖެންޓީނާ އަށް ދިމާވި ކީޕަރެއްގެ މައްސަލަ އެންމެ ރަނގަޅަށް ހައްލުކޮށްދިން ކުޅުންތެރިއަކީ އޭނާ އެވެ.

އާޖެންޓީނާގެ 17 އަހަރާއި 20 އަހަރުން ދަށުގެ ގައުމީ ޓީމުގައި ރަނގަޅަށް ކުޅުނު ނަމަވެސް އޭނާ އަށް ސީނިއާ ޓީމުން ޖާގަ ލިބުނީ މިދިޔަ އަހަރު އެވެ.

އޭގެ ފަހުން މިހާތަނަށް ގައުމީ ޓީމަށް ކުޅުނު 37 މެޗުގައި އޭނާ ވަނީ މޮޅަށް ކުޅެ ގައުމަށް ތިން ތަށި ހޯދައިދީފަ އެވެ. އޭގެ ތެރޭގައި 2021ގެ އަހަރުގެ ކޮޕާ އެމެރިކާ އާއި 2022ގެ ފައިނަލިސިމާ ކަޕް އަދި 2022ގެ ވޯލްޑްކަޕް ހިމެނެ އެވެ.

ހާއްސަކޮށް ކޮޕާ އެމެރިކާ އާއި ވޯލްޑްކަޕުގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ދުނިޔޭގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ވެސް 2023ގައި ލިބުނީ އޭނާ އަށެވެ.

މާޓިނޭޒް ގައުމީ ޓީމަށް ކުޅެން ފެށުމަށްފަހު އޭނާ އަބަދުވެސް ބުނާ އެއް ވާހަކައެއް އޮވެ އެވެ. އެއީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަކީ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ ކަމަށެވެ.

އަދި ގައުމީ ޓީމަށް އޭނާ އާއި އެހެން ކުޅުންތެރިން ވެސް ކުޅޭ އެއް ބޭނުމަކީ މެސީ އުފާ ކޮށްދިނުމާއި މެސީގެ ޝަރަފު މަތިވެރިކުރުމަށެވެ. މިފަދަ ވާހަކަތަކުގެ ސަބަބުން އޭނާ އާއި މެސީ އަކީ ގައުމީ ޓީމުގައި ވަރަށް ގާތް ދެމީހުންނަށް ވަނީ ވެފަ އެވެ.

މާޓިނޭޒް އޭނާގެ ފުޓްބޯޅަ ކެރިއަރު ފެށީ އާޖެންޓީނާގެ އިންޑިޕެންޑޭގެ ޔޫތު ޓީމުތަކުންނެވެ. ނަމަވެސް 2010 ވަނަ އަހަރު އިނގިރޭސިވިލާތުގެ އާސެނަލް އަށް ބަދަލުވެ އޭނާ ވަނީ ލޯނު އުސޫލުން ދަސްކުރާ ކީޕަރެއްގެ ގޮތުގައި ގިނަ ޓީމުތަކަށް ކުޅެފަ އެވެ.

އޭގެ ފަހުން އެނބުރި އާސެނަލް އައި ނަމަވެސް ގިނަ މެޗުތަކުގައި އިންނަންޖެހުނީ ބެންޗުގަ އެވެ. އޭނާ އަށް ޓީމުގައި ކުޅެން ލިބުނީ ޖަރުމަނުގެ ކީޕަރު ބެނާޑޯ ލެނޯ އަށް އަނިޔާވުމުންނެވެ. ނަމަވެސް ލެނޯ އެނބުރި އައުމުން މާޓިޏޭޒްގެ އަނެއްކާ ވެސް ބެންޗަށް ބަދަލު ކުރުމަކީ ކުލަބު ބަދަލު ކުރަން އޭނާ ވިސްނަން ފެށި ހިސާބެވެ.

އާސެނަލް ދޫކޮށް 2020 ވަނަ އަހަރު އެސްޓަން ވިލާ އަށް ބަދަލުވުމަށްފަހު މާޓިނޭޒް ބުނީ ބޭނުންވިނަމަ އާސެނަލްގައި ހުރެވުނީސް ކަމަށެވެ. ނަމަވެސް އޭނާ ބޭނުންވަނީ ގައުމީ ޓީމުގެ އެއްވަނަ ކީޕަރުކަން ކުރުމަށްޓަކައި ބަރާބަރަށް ކުލަބުގައި ކުޅެން ފުރުސަތު ލިބޭނެ ޓީމަކަށް ބަދަލުވާން ކަމަށެވެ.

މާޓިނޭޒް އަކީ ޕެނަލްޓީ އަށް މޮޅު ކީޕަރެވެ. އަދި މަތިންނާއި ތިރިން އަންނަ ބޯޅަތަކަށް ދިފާއު ކުރުމުގައި ހުށިޔާރު ކީޕަރެކެވެ. އާޖެންޓީނާގެ ޑިފެންޑަރު ލިސަންދްރޯ މާޓިނޭޒް ބުނީ މާޓިނޭޒް ގޯލުގައި ހުންނައިރު ކުރިމަތީގައި ތިބޭ ކުޅުންތެރިންނަށް ހަމަޖެހުމާއި އިތުބާރު އޮންނަ ކަމަށެވެ. ކެޕްޓަން މެސީ ބުނީ މާޓިނޭޒަކީ އާޖެންޓީނާގެ ގައުމީ ޓީމަށް ބެލެންސެއް ގެނުވައިދިން މޮޅު ކީޕަރެއް ކަމަށެވެ.

މާޓިނޭޒަށް އާޖެންޓީނާގެ މީހުން މުހާތަބް ކުރަނީ ޑިބޫގެ ނަމުންނެވެ. ސްޕޭން ބަހުން އެއީ ކުރަހާފައިވާ މީހާ އެވެ. އޭނާ އަށް މި ނަންދެވުނީ އާޖެންޓީނާގައި މަޝްހޫރުވި ޓީވީ ސީރީޒެއްގެ ސަބަބުންނެވެ. އެ ސީރިޒްގައި ފެންނަ ކެރެކްޓާ އަކީ އިންޑެޕެންޑޭ އަށް އޭނާ ކުޅުނުއިރު އެ ޓީމުން ފެންނަ މާ ޒުވާން ކުޅުންތެރިޔާ ކަމަށް ބުނެ އެވެ.

މާޓިނޭގެ ހަޔާތުގެ ބައިވެރިއަކީ ޕޯޗުގަލްގެ ވިޔަފާރިވެރިއެކެވެ. މި ދެމަފިރިންނަށް ދެ ކުދިން ލިބިފައިވެ އެވެ.

Copyright © 2024, Raajje Television Pvt Ltd. All rights reserved.