ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ މި ފަހަރުގެ ޔޫރޯ އަށް ކުރިމަތިލަނީ ރެއާލް މެޑްރިޑްގެ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ޕީއެސްޖީގެ އަގުބޮޑު ހުށަހެޅުން ދޫކޮށް އޭނާ ރެއާލް އަށް ބަދަލުވީ ކުޑައިރުގެ ހުވަފެން ހަގީގަތަކަށް ހެދުމަށެވެ.
އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާގެ ނަޒަރުގައި އެމްބާޕޭ އަކީ މި ފަހުން ފްރާންސުން އުފެދުނު އެންމެ މޮޅު ފޯވަޑެވެ. ވެންގާގެ ނަޒަރުގައި ބޯޅައާއެކު ދުވެ، ކޮއްޓާއިރު އެއީ ފްރާންސްގެ ކުރީގެ ތަރި ތިއޭރީ އޮންރީ ފަދަ ހުނަރުވެރިއެކެވެ.
އަދި ބާރު ދުވެލީގައި ގޮސް ބޯޅަ ގޯލަށް ވައްދާލުމާއި ވަން އޮން ވަން ސިޓުއޭޝަންސްތަކުގައި ކީޕަރުގެ ކުރިމަތީގައި އޭނާ ހުންނަ ސާބިތުކަން ބޮޑެވެ. އަދި އޭނާގެ ނިންމާލުންތަކުގައި ހުންނަ ތަފާތު ސްޓައިލްތައް ގިނަކަމުންނާއި ބޯޅައިގައި ޖަހާލެއް ބާރުކަމުން އެއީ ބްރެޒިލްގެ މަޝްހޫރު ފޯވަޑް ރޮނާލްޑޯ ފަދަ ކުޅުންތެރިއެއް ކަމަށް ވެސް ގިނަ ބަޔަކު ދެކެ އެވެ.
އެމްބާޕޭ އަކީ އޭނާގެ އުމުރުން އެންމެ 25 އަހަރުގައި ދުނިޔޭގައި މިވަގުތުހުރި އެންމެ މުސާރަބޮޑު ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. ޕީއެސްޖީގައި އޭނާ އެންމެ ފަހުން ފުރިހަމަކުރީ މިނިޓަކު 438 ޑޮލަރުގެ އާމްދަނީއެއް ލިބެ އެވެ.
އެމްބާޕޭ އަކީ 2018ގެ ވޯލްޑްކަޕުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އެވެ. އެ މުބާރާތުގެ ފައިނަލުގައި އޭނާ ޖެހި ގޯލާއެކު ބްރެޒިލްގެ ޕެލޭ ނެގުމަށްފަހު ވޯލްޑްކަޕުގެ ފައިނަލުގައި ގޯލުޖެހި އެންމެ ޒުވާން ކުޅުންތެރިއަކީ ވެސް އޭނާ އެވެ.
އަދި އެންމެ ފަހުގެ ވޯލްޑްކަޕުގެ ފައިނަލުގައި ހެޓްރިކް ހެދި އެވެ. އެމްބާޕޭ ވަނީ އުމުރުން އެންމެ 16 އަހަރުގައި އޮންރީ އަތުގައި މިހާތަނަށް އޮތް މޮނާކޯއަށް އެންމެ ޒުވާން އުމުރެއްގައި ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޮޑް މުގުރާލައިފަ އެވެ. އެމްބާޕޭ އަކީ ހަރަކާތް އަވަސް އަދި ދުވެލި ބާރު ކުޅުންތެރިއެކެވެ. މިހެންވެ ޑިފެންޑަރުންނަށް އޭނާ ހުއްޓުވުމަކީ ފަސޭހަކަމަކަށްނުވެ އެވެ.
އެމްބާޕޭގެ ނުރައްކާ އެންމެ ބޮޑަށް ފެނިގެންދާނީ އޭނާ އަށް ބޯޅައާއެކު ދުއްވައިގަތުމަށް ފުރުސަތު ލިބޭ ދަނޑިވަޅުގަ އެވެ. ނިންމާލުމުގައި އޭނާއަކީ ތޫނުފިލި ކުއްޖެކެވެ. ޕީއެސްޖީގައި އޭނާ އަށް ޒިންމާތަކަކާއެކު ކުޅެން ޖެހުނަސް ގައުމީ ޓީމުގައި ވަރަށް ފްރީކޮށް ކުޅެން ފުރުސަތު ލިބިއެވެ.
"ނިންމާލުމުގައި އޭނާ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. މިހެންވެ ދުނިޔޭގެ އެންމެ މޮޅު ފޯވަޑުންގެ ތެރޭގައި އޭނާ ހިމެނޭނެ. އެކަމަކު އޭނާ ވެސް ދަނޑު ބޭރުގަ އާއި ދަނޑުމަތީގައި ވިސްނުންތެރިކަމާއެކު އުޅޭ މީހަކަށްވާން. ފްރާންސްގައި އެމްބާޕޭ ދައްކާ ކުޅުމާމެދު އަހަރެން ހިތްހަމަޖެހޭ،" ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯން ބުންޏެވެ.
އެމްބާޕޭ އަކީ އެފްރިކާގެ ފުޓްބޯޅަ ކުރިއެރުވުމުގައި ވެސް މިހާރު ދައުރެއް އަދާކުރަމުންދާ ކުޅުންތެރިއެކެވެ. އެފްރިކާގެ ފުޓްބޯޅަ ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރަން އެބައްރުގެ ކުރީގެ ތަރިންނާއެކު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ފްރާންސްގެ ރައީސް އެމެނުއަލް މާކޮން ބާއްވާ ބައްދަލުވުންތަކުގައި ވެސް އެމްބާޕޭ ބައިވެރިވެ އެވެ.
އެފްރިކާގެ ފުޓްބޯޅަ އަށް އެހީވާން އޭނާ ބޭނުންވަނީ އެމްޕާބޭގެ މައިންބަފައިންނަކީ އެފްރިކާ އަށް ނިސްބްތަވާ ބަޔަކަށްވީތީ އެވެ.