އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. ގިނަ ބަޔަކަށް ދުނިޔެ ދެކެފައިވާ އެންމެ މޮޅު ކުޅުންތެރިޔާ ވެސްމެ އެވެ.
އޭނާ ވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ރެކޯޑް އަދަދެއް ކަމަށްވާ އަށް ފަހަރު ހޯދައިފަ އެވެ.
އިސްކޮޅުން ކުރުވުމުން، ދިގުވުމައްޓަކައި ކުރަންޖެހޭ ބޭސްފަރުވާ ކުރެވޭނެ ގޮތް ބާސެލޯނާއިން ހަމަޖައްސައިދިނުމުން ވަރަށް ޅަ އުމުރުގައި އެކުލަބާ ގުޅުނު މެސީގެ މުޅި ކެރިއަރުގެ ކާމިޔާބީތައް ގުޅިފައިވަނީ ބާސެލޯނާއާ އެވެ.
މީގެ ތިން އަހަރު ކުރިން ބާސެލޯނާ އަށް ދިމާވި މާލީ އަޑިގަނޑަކާހުރެ މަޖުބޫރީހާލަތެއްގައި ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވި ނަމަވެސް މެސީގެ ކާމިޔާބީ އާއި އޭނާގެ ލެގަސީ އޮތީ ބާސެލޯނާގައެވެ.
ޕީއެސްޖީގެ ކޮންޓްރެކްޓް ހަމަވުމުން އެނބުރި ބާސެލޯނާ އަށް ދާން ކުރި މަސައްކަތް ކާމިޔާބުނުވުމުން އޭނާ ޔޫރަޕުގެ ފުޓްބޯޅަ ދޫކޮށްލައި އެމެރިކާގެ ލީގަށް ބަދަލުވީ އެންމެ މަތީ ފަންތީގެ ކުލަބު ވާދަވެރިކަން ދޫކޮށްލުމަށާއި ގައުމީ ޓީމުގެ މުބާރާތްތަކަށް ތައްޔާރުވުމަށެވެ.
އެއީ ކޮޕާ އެމެރިކާ އާއި 2026ގެ ވޯލްޑްކަޕް ވެސް ބާއްވަނީ އެމެރިކާގައި ކަމަށްވުމެވެ.
މެސީ އަކީ އިސްކޮޅުން ކުރު ކުޅުންތެރިއެކެވެ. އެކަމަކު އެހާމެ ހަލުވި އެވެ. ހުނަރުވެރި އެވެ.
މިހެންވެ އޭނާ އަށްވުރެ އިސްކޮޅުން ދިގު ކުޅުންތެރިން ކައިރިން ނައްޓާލަން ފަސޭހަވުމާއި އެމީހުން މަގުއޮޅުވާލުމުގައި މެސީ ގިނަ ފަހަރު ކާމިޔާބު ހޯދަ އެވެ.
ސްޕޭނުގެ މީޑިއާތަކުން އޭނާ އަށް އެޓޮމިކް ފްލެއާގެ ނަމުން މުހާތަބްކުރަނީ މިހެންވެއެވެ. އޭނާގެ ކުރު އެކަމަކު ވަރުގަދަ ދެފައިގެ ސަބަބުން އިދިކޮޅު ކުޅުންތެރިންނަށް އޭނާ ހުއްޓުވަން އުނދަގޫވެ، ގިނަ ޓެކްލް ކުރަންޖެހެއެވެ.
އަދި އޭނާގެ އަވަސް ދެފައިތިލައިގެ ސަބަބުން ބޯޅައިގެ ކޮންޓްރޯލް ގެއްލުނަނުދީ އަވަސް ހަރަކާތާއެކު ކުރިއަށްދިއުމަށް ފަސޭހަވެ އެވެ.
ބާސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ އަކީ މެސީގެ އެންމެ ޗާލާކީ ދުވަސްވަރު އެ ޓީމުގެ ކޯޗެވެ. އޭނާ ބުނީ ކޮންމެ މަގާމަކަށް ވެސް އެންމެ މޮޅު މީހަކީ މެސީ ކަމަށެވެ.
"އޭނާ އަކީ އެންމެ މޮޅު ނަންބަރު ނުވައެއް. އެންމެ މޮޅު ނަންބަރު ދިހައެއް. އެންމެ މޮޅު ނަންބަރު ހަތެއް، ހަތަރެއް މިހެން ގޮސް ކޮންމެ މަގާމަކަށް ބެލިޔަސް އެންމެ މޮޅީ އޭނާ. އޭނާ އަކީ ބޯޅާއާ ނުލައި ދުވާވަރަށްވުރެ ބާރަށް ބޯޅައާއެކު ދުވާ ހަމައެކަނި ކުޅުންތެރިޔާ،" ގާޑިއޯލާ ބުންޏެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށްދޭ ބެލޮންޑީއޯ އެވޯޑް މެސީ ވަނީ އަށް ފަހަރު ހޯދައިފަ އެވެ. މިއީ ރެކޯޑެކެވެ. ޔޫރަޕުގެ ރަންބޫޓު ހަ ފަހަރު އަދި ފީފާ ވޯލްޑްކަޕް 2014 އަދި 2022ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ.
ކުރިއާ ހިލާފަށް މިފަހަރުގެ ކޮޕާ އެމެރިކާއަށް ނުކުންނައިރު އޭނާ އަށް އޮތް ހިތްހަމަޖެހުމަކީ ގައުމީ ޓީމުގައި ކާމިޔާބު ނުލިބޭ ވާހަކަ އަށް މިދިޔަ ދެ އަހަރު ތެރޭގައި ނިމުންގެނެވިފައިވުމެވެ.
މިދިޔަ އަހަރުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތާއި ޔޫރަޕާއި ދެކުނު އެމެރިކާގެ ޗެމްޕިއަނުންގެ މެދުގައި މި އަހަރު ކުޅުނު ފައިނަލިސިމާ ކަޕާއި ވޯލްޑްކަޕުގެ ތައްޓާއެކު މެސީގެ އިތުބާރުވަނީ ބޮޑުވެފަ އެވެ.
އޭނާގެ އުއްމީދަކީ ކޮޕާ އެމެރިކާ ދިފާއުކޮށް އަނެއްކާ ވެސް ތާރީހު ބަދަލުކޮށްލުމެވެ.
މެސީ އަކީ ދުނިޔޭގެ އެންމެ ނަން ހިނގާ ފުޓްބޯޅަ ބްރޭންޑެވެ. މިހެންވެ މާކެޓިން ކުންފުނިތަކުން އެމީހުންގެ ޕްރޮޑަކްޓްތައް މާކެޓްކުރަން އެންމެ ބޮޑަށް ބޭނުންކުރާ ޓޫލަކީ ވެސް އޭނާ އެވެ.
ދުނިޔޭގައި އެންމެ ގިނައިން ވިކޭ ޖާޒީ އަކީ އޭނާގެ ނަންޖެހި ޖާޒީ އެވެ. އޭޕްރީލް 2011ގައި އޭނާގެ ފޭސްބުކް އެކައުންޓް ތައާރަފްކުރުމާއި ހަތް ގަޑިއިރު ތެރޭގައި ހަތް މިލިއަން މީހުން އެ އެކައުންޓް ފޮލޯކުރި އެވެ.
އުރީދޫ އާއި މިއުޒިކް ކުންފުނިތަކާއި ސައުދީ އަރަބިއާގެ ޓުވަރިޒަމް އެމްބެސެޑަރަކީ ވެސް އޭނާ އެވެ.