ލޫކާ މޮޑްރިޗް އަކީ ކްރޮއޭޝިޔާގެ ކެޕްޓަނެވެ. އޭނާ އަކީ ސްޕޭނގެ ރެއާލް މެޑްރިޑުގެ ފަހުގެ ތާރީހުގައި ހޯދި ބޮޑެތި ކާމިޔާބީތަކުގައި އެންމެ ބޮޑު ހިއްސާއެއްވި ކުޅުންތެރިޔާ އެވެ.
އޭނާގެ ކުޅުމުގެ ސްޓައިލާއި މެޗަށް ނުފޫޒު ހިންގާ ވަރަށް ބެލުމަށްފަހު ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޭނާ އަކީ ފަހަކަށް އައިސް ފެނިގެންދިޔަ އެންމެ މޮޅު އެއް މިޑްފީލްޑަރެވެ.
ކްރޮއޭޝިޔާގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިއަކީ ވެސް އޭނާ އެވެ.
ނަމަވެސް ޓެކްސް އަށް މަކަރުހެދި ކަމުގެ ތުހުމަތުގައި 2018 ވަނަ އަހަރު ކްރޮއޭޝިޔާއާގައި އޭނާގެ ޝަރީއަތެއް ކުރިއަށް ގެންދިޔަ އެވެ. އެކަމަކު ވޯލްޑްކަޕުގައި ކްރޮއޭޝިޔާ ފައިނަލް ކުޅެ ހޯދި ކާމިޔާބީގަ ސަބަބުން އެޝަރީއަތުގެ އަޑު ކެނޑިގެންދިޔަ އެވެ.
މޮޑްރިޗް އަކީ ވަރަށް ފަރީގު އާއިލާއަކުން އުފެދުނު މޮޅު ކުޅުންތެރިއެކެވެ. ޔޫގޯސްލާވިޔާ ހަނގުރާމައިގެ ތެރޭގައި އޭނާގެ ގެ ސުންނާފަތިކޮށްލުމުން ރެފިއުޖީއެއްގެ ގޮތުގައި ހަތް އަހަރު އުޅެން ޖެހުނެވެ.
އަދި އޭނާގެ ފުރަތަމަ ކޯޗު ބުނާ ގޮތުން ކަށިމަތިގަންނާނެ ފައިސާ ނެތުމުން މޮޑްރިޗްގެ ބައްޕަ އޭނާ އަށް ވަކަރުންގާޑެއް ހަދައިދިނެވެ. ނަމަވެސް މި ވާހަކަ މޮޑްރިޗް ވަނީ ފަހުން ދޮގުކޮށްފަ އެވެ.
މޮޑްރިޗްގެ ކުޅުމާ ބެހޭ ގޮތުން އޭނާގެ ކުރީގެ ކޯޗުންގެ ހިތުގައި އޮތީ މުޅިން ވެސް ތައުރީފެވެ. ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ މިވަގުތު ކުޅޭ ކުޅުންތެރިންގެ ތެރެއިން އޭނާގެ ޑްރީމް ޓީމުގައި މޮޑްރިޗް ހިމެނޭނެ ކަމަށެވެ. ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ރެއާލް މެޑްރިޑަށް މޮޑްރިޗް ގެނައުމަށް އޭނާ ބޭނުންވީ ގިނަ ސަބަބުތަކާހުރެ ކަމަށެވެ.
"އޭނާ އަކީ އެއް މަގާމަށްވުރެ ގިނަ މަގާމުތަކަށް ކުޅޭ ކުޅުންތެރިއެއް. އޭނާ އަކީ މެދުތެރޭގައި ހުރެގެން މުޅިން ތަފާތު ހުނަރުވެރިކަމެއް ދައްކުވައިދޭ ކުޅުންތެރިއެއް. އޭނާ މުޅި މެޗު ކޮންޓްރޯލް ކުރޭ. ޓެކްޓިކަލީ އޭނާގެ ނުފޫޒު މުޅި މެޗަށް އޮވޭ. މެޗުގެ ރިދަން އޭނާ ބޭނުންގޮތަކަށް ބަދަލުކޮށްލާ،" މޮރީނިއޯ ބުންޏެވެ.
އުމުރުން 38 އަހަރުގައި ރެއާލް މެޑްރީޑުގެ އޭނާގެ ކޮންޓްރެކްޓް އާކުރަން ނިންމީ ހަގީގަތުގައި ވެސް އޭނާގެ މުހިންމުކަން އިހުސާސްކުރެވޭތީ އެވެ. މެޑްރިޑުގެ ކޯޗު ކާލޯ އެންޗެލޯޓީ ބުނީ ކޯޗު ބޭނުންކޮންމެ ވަގުތަކު ބޭނުން މަގާމަށް ކުޅެން މޮޑްރިޗް ތައްޔާރުކަމަށާއި އޭނާގެ ޓީމަށް ދިރުން ގެނެސްދޭ ކަމަށެވެ.
މިފަހަރުގ ޔޫރޯ މޮޑްރިޗުގެ ބޮޑު ފަހު މުބާރާތަށްވުން ވަރަށް ކައިރި އެވެ. މިހެންވެ މުބާރާތް ކާމިޔާބުކުރުމަކީ އޭނާގެ އުއްމީދެކެވެ. އަދި ކްރޮއޭޝިޔާގެ ދުވެލި ކަނޑައަޅައިދޭނެ ކުޅުންތެރިއަކީ މޮޑްރިޗްކަމަށް ގިނަ ބަޔަކު ގަބޫލުކުރާކަން ހުދު އޭނާ އަށް ވެސް އެނގެއެވެ.