ބޮލުންނާއި ފައިން ވެސް ގޯލުޖަހަން ފަރިތަ ރޮބަޓް ލެވޮންޑޯސްކީ އަކީ ދުނިޔޭގައި މިވަގުތުހުރި އެންމެ މޮޅު އެއް ފޯވަޑެވެ. އޭނާ އަކީ ޖަރުމަނުގެ ބުންޑަސްލީގާ އާއި ބަޔާން މިއުނިކްގެ އެންމެ ކާމިޔާބު އެއް ފޯވަޑްވެސްމެ އެވެ. ކެރިއަރުގައި މިހާތަނަށް 600ވުރެ ގިނަ ގޯލު ޖަހާފައިވެ އެވެ. ޕޮލެންޑްގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ކުޅުންތެރިޔާގެ ރެކޯޑް ވެސް އޮތީ އޭނާގެ އަތުގަ އެވެ. އުމުރުން 34 އަހަރުގައި ބާސެލޯނާއިން އޭނާގެ ސޮއި ހޯދި މައިގަނޑު ސަބަބަކީ ވެސް އާދަޔާ ހިލާފަށް ގޯލާ ރައްޓެހިވުމެވެ.
ލެވޮންޑޯސްކީ އަކީ ހަމައެކަނި ގޯލު ޖަހާ ކުޅުންތެރިއެއްނޫނެވެ. އޭނާގެ ވިސްނުންތެރި އަވަސް ހަރަކާތްތަކުގެ ސަބަބުން އެހެން ކުޅުންތެރިންނަށް ގޯލު ޖަހަން މަގުފަހިވެ އެވެ. އަދި އޭނާ އަކީ ދުރުން ގޯލު ޖެހުމަށާއި ހިލޭޖެހުންތަކަށް ވެސް މޮޅު ކުޅުންތެރިއެކެވެ.
ލޮވޮންޑޯސްކީ ވަށައިގެންތިބީ ކުޅިވަރުގެ މީހުންނެވެ. އޭނާގެ ބައްޕަ އޭނާ އަށް ރޮބަޓް ކިޔަން ބޭނުންވީ ޕްރޮފެޝަނަލް ކުޅުންތެރިއެއްގެ ގޮތުގައި ގައުމުން ބޭރަށް ދިއުމަށް ފަސޭހަކުރުމަށެވެ.
ބައްޕައަކީ ހިސާބަށް ފުޓްބޯޅަ ކުޅުނު ޕޮލެންޑްގެ ޖޫޑޯ ޗެމްޕިއަނެކެވެ. އޭނާގެ މަންމަ އަކީ ކުރީގެ ވޮލީކުޅުންތެރިއެކެވެ.
ފަހުން ވޮލީ ކުލަބެއް ހިންގި މީހެކެވެ. އަންހެން ކޮއްކޮ އަކީ ޕޮލެންޑްގެ 21 އަހަރުންދަށުގެ ގައުމީ ޓީމުގެ ވޮލީ ކުޅުންތެރިއެކެވެ. އޭނާގެ އަންހެނުން އެނާ ލޮވޮންޑޯސްކީ ވަނީ 2009 ވަނަ އަހަރުގެ ކަރާޓޭ ވޯލްޑްކަޕުން ބްރޯންޒް މެޑަލް ހޯދައިފަ އެވެ.
އަންހެނުން އެނާ އަކީ ލެވޮންޑޯސްކީގެ ހަށިގަނޑުގެ ތަރުއްބިއްޔަތުގެ ފަހަތުގައި ހުރި ފަރާތެވެ. ކެއުން ބަހައްޓަންވީ ގޮތާއި ކަސްރަތާއި ފިޓްނަސް ހިފެހެއްޓުމުގެ މައި މޭސްތިރިއަކީ އޭނާ އެވެ.
ލޮވޮންޑޯސްކީ އަކީ ޔުނެސެފްގެ ގްޑްވިލް އެމްބެސެޑަރެއްވެސްމެ އެވެ. ކޮވިޑް19ގެ ތެރޭގައި ހިލޭ އެހީގެ ދަށުން އޭނާ އާއި އަންހެނުންވަނީ އެއް މިލިއަން ޑޮލަރުގެ ތަކެތީގެ އެހީ އެކިފަރާތްތަކަށްވެފަ އެވެ. އޭނާ ވަނީ ޗައިނާގެ މުވާސަލާތީ ކުންފުނި ވާވޭއާއެކު ހަދާފައިވާ ކޮންޓްރެކްޓަށް ނިމުން ގެނެސްފަ އެވެ.
ސަބަބަކީ ރަޝިޔާއިން ޔުކްރޭނުގައި ކުރާ ހަނގުރާމައަށް އެކުންފުނިން ތާއީދުކުރުމެވެ. ލޮވޮންޑޯސްކީ އަކީ ރަޝިޔާއިން ޔުކްރޭނުގައި ކުރާ ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން ޔުކްރޭނުގެ ގައުމީކުލަތައް ހިމެނޭ ކެޕްޓަން ބޭންޑް ބަޔާން މިއުނިކާއި ގައުމީ ޓީމުގައި ބޭނުންކޮށްފަ އެވެ. އަދި މިފަހަރުގެ ޔޫރޯގައި ވެސް އޭނާ މި ބޭންޑް އަޅާނެ އެވެ.