މުބާރާތުގެ ތައާރަފް

ކޮޕާ އެމެރިކާ: އަބަދުވެސް ދިވެހިންނަށް ހާއްސަ މުބާރާތެއް

ކޮޕާ އެމެރިކާ
ކޮޕާ އެމެރިކާ އަކީ އެމެރިކާ ސަރަހައްދުގެ ފުޓްބޯޅަ މުބާރާތެވެ. 108 އަހަރުވީ މި މުބާރާތަކީ ދުނިޔޭގެ ބައްރެއްގެ މެދުގައި ކުޅެވޭ އެންމެ ދުވަސްވީ ފުޓްބޯޅަ މުބާރާތްވެސްމެ އެވެ. މި މުބާރާތުގައި 1990 ވަނަ އަހަރާ ހަމައަށް ބައިވެރިވަމުން އައީ އެމެރިކާ ބައްރުގެ ގައުމުތަކުންނެވެ. ނަމަވެސް މިސަރަހއްދުގެ ގައުމުތަކުގެ އަދަދު ކަމާއި، މުބާރާތުގެ ފެންވަރު މަތި ކުރުމަށް 90 ވަނަ އަހަރުން ފެށިގެން ދަނީ ދޭތެރެދޭތެރެއިން ދައުވަތުދީގެން ކޮންކާކަޕް އަދި އޭޝިޔާގެ ގައުމުތައް ބައިވެރިކުރަމުންނެވެ.

ކޮޕާ އެމެރިކާގެ އެންމެ ފުރަތަމަ މުބާރާތް ބޭއްވީ 1916 ވަނަ އަހަރު އާޖެންޓީނާގަ އެވެ. އަދި މުބާރާތުގެ އެންމެ ކާމިޔާބު އެއް ގައުމަކީ ވެސް އާޖެންޓީނާ އެވެ. އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ވެސް އެމީހުންނެވެ. 2021 ވަނަ އަހަރު އާޖެންޓީނާ ކާމިޔާބުކުރި ތައްޓާއެކު މި މުބާރާތުގެ ތަށި އެ ގައުމުން ވަނީ 15 ފަހަރު އުފުލާލައިފަ އެވެ. މި އަދަދަށް ތަށި ހޯދި އަނެއް ގައުމަކީ މިހާރު ފުޓްބޯޅައިގެ ގޮތުން މާ ކާމިޔާބު ގައުމެއްނޫން ކަމަށްވާ އުރުގުއޭ އެވެ. ޗިލީ ހަތް ތަށި ހޯދިއިރު ބްރެޒިލް މުބާރާތް ކާމިޔާބުކުރީ ހަ ފަހަރު އެވެ. މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ އާޖެންޓީނާގެ ނޯބާޓޯ މެންޑޭޒް އެވެ. އޭނާ ޖަހާފައިވަނީ 17 ގޯލެވެ. އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ މި ފަހަރު ފަސް ގޯލު ޖަހައިފިނަމަ މި ރެކޯޑް އޭނާ އަށް އަމިއްލަ ކުރެވޭނެ އެވެ.

މި ފަހަރުގެ މުބާރާތް ބާއްވަނީ ޖޫން 20 އިން ޖުލައި 14 އަށް ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގަ އެވެ. މިއީ އެމެރިކާގައި މި މުބާރާތް ބާއްވާ ދެ ވަނަ ފަހަރެވެ. މުބާރާތް އެމެރިކާގައި ބާއްވަން ނިންމީ މިކަމަށް ޝައުގުވެރިކަން ފާޅުކުރި ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅު ފެންވަރެއްގައި މުބާރާތް ބާއްވެން އޮތީ އެ ގައުމުގައި ކަމަށްވާތީ އެވެ.

މި ފަހަރުގެ މުބާރާތުގައި ދެ ބައްރަކުން 16 ގައުމު ވާދަކުރާނެ އެވެ. ދެކުނު އެމެރިކާ ފަޅި ބައިވެރިވީ ޗެމްޕިއަން އާޖެންޓީނާ އާއި ބޮލީވިއާ އާއި ބްރެޒިލް، ޗިލީ، ކޮލަމްބިއާ، އިކުއެޑޯ، ޕްރެގުއޭ، ޕެރޫ، އުރުގުއޭ އަދި ވެނެޒުއޭލާ އެވެ. ކޮންކާފް ސަރަހައްދުން ބައިވެރިވީ ޖެމެއިލާ އާއި މެކްސިކޯ، ޕެނަމާ، އެމެރިކާ އަދި ކެނެޑާ އާއި ކޮސްޓަރިކާ އެވެ.

މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާރު ބޭއްވީ ޑިސެމްބަރުގެ ހަތް ވަނަ ދުވަހު އެވެ.
މި މުބާރާތުގައި މިހާތަނަށް ބޭނުން ކުރަމުން އައީ ނައިކީ ބޯޅަ އެވެ. ނަމަވެސް ފުރަތަމަ ފަހަރަށް ޕޫމާއިން ތައްޔާރުކޮށްދިން ބޯޅަ އަށް ދީފައިވާ ނަމަކީ ޕޫމާ ކުމްބްރޭ އެވެ. މި މުބާރާތުގެ މެޗުތައް އެމެރިކާގެ 14 ދަނޑެއްގައި ކުޅޭނެ އެވެ. ދަނޑުތައް އިހްތިޔާރުކޮށްފައިވަނީ އެމެރިކާ ވަށައިގެންވާ ދަނޑުތަކަށް އިސްކަންދީގެންނެވެ.

Copyright © 2024, Raajje Television Pvt Ltd. All rights reserved.