ހަތަރު ބިލިއަން މީހުންގެ އާބާދީއަކާ އަޅާބަލާއިރު ކްރޮއޭޝިޔާއިން ބޮޑެތި މުބާރާތްތަކުގައި ހޯދަމުންދަނީ ފުދިއިތުރު ކާމިޔާބީތަކަކަށްވެސް ވެދާނެ އެވެ. އެންމެ ފަހުގެ ވޯލްޑްކަޕުގައި ވެސް ކަރުދާހުގައި މޮޅުކަމަށް ބެލެވުނު ޓީމުތައް ބަލިކޮށް ވަނީ ތިން ވަނަ ހާސިލްކޮށްފަ އެވެ. އޭގެ ކުރީ ވޯލްޑްކަޕް ފައިނަލް ކުޅުނެވެ.
އެކަމަކު މި ފަހަރުގެ ކޮލިފައިންގައި އެމީހުންގެ ފަރާތުން ފެނުނި މުބާރާތްތަކުގައި ފެނިގެންދިޔަހާ މޮޅު، އެކުލަވާލިފައިވާ ކުޅުމެއްނޫނެވެ. އަށް މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ، އެއް މެޗު އެއްވަރުވެ ލިބުނީ ތުރުކީގެ ފަހަތުން ގްރޫޕް ޑީގެ ދެ ވަނަ އެވެ.
މިހެންވެ ލޫކާ މޮޑްރިޗްގެ ބޮޑު ފަހު މުބާރާތްކަމަށް ބެލެވޭ މި ޔޫރޯގައި ރަނގަޅު ނަތީޖާއެއް ނެރުމަށް ޓީމުގެ ތައްޔާރުވުންތައް ދުރާލައި ކޯޗު ފެށި އެވެ.
ކްރޮއޭޝިޔާގެ މެދުތެރޭގެ އެންމެ މުހިންމު ދައުރެއް އަދާކޮށްދޭ ކުޅުންތެރިއަކީ ކޮވަސިޗެވެ. އެކަމަކު ގިނަ ބަޔަކަށް މެންޗެސްޓާ ސިޓީގެ ކުޅުންތެރިޔާގެ ރޯލު އެހާބޮޑަށް ސާފުނުވެ އެވެ.
ސަބަބަކީ އޭނާ އަށްވުރެ މަޝްހޫރު ކުޅުންތެރިންގެ ހިޔަނީގައި ހުންނަން ޖެހުމާއި އެކިފަހަރު އެކި މަގާމުތަކަށް ކުޅުވާތީ އެވެ. އަނިޔާނުވެ ހުރެފިނަމަ މި ފަހަރުގެ ޔޫރޯގައި ގައުމީ ޓީމަށް އޭނާގެ 100 މެޗު ހަމަކުރެވިދާނެ އެވެ. މޮޑްރިޗާއެކު އޭނާ އަދާކުރަން ޖެހިފައިވަނީ މުހިންމު ރޯލެކެވެ.
ގައުމީ ކޯޗުކަމުގައި އޭނާގެ ހަތް އަހަރަށް ބަލައިރު އެކަކު ވެސް ހީނުކުރާ އުހަށް ވަނީ ޓީމު ގެންގޮސްދީފަ އެވެ. ތަޖުރިބާކާރުންނާއި ޒުވާން ކުޅުންތެރިންގެ ޕޫލެއް ގެންގުޅުމަކީ އޭނާގެ އާދައެކެވެ.
އޭނާގެ ކޯޗުކަމުގައި ގައުމީ ޓީމު ކުޅުނު ދެބައިކުޅަ އެއްބައި މެޗުތަކާއި ބޮޑެތި މުބާރާތްތަކުގެ މުހިންމު ގިނަ މެޗުތަކުން ކާމިޔާބު ހޯދި އެވެ.
މިހެންވެ ޔޫރޯގައި ކޮންމެ ނަތީޖާއެއް ނުކުތަސް އޭނާ ވަޒީފާއާމެދު ސުވާލެއްނެތެވެ.