 
 
                
                 
                
                2008އިން ފެށިގެން 2012 އާ ފެނުނު ކާމިޔާބު ސްޕޭން ޓީމަށް ފަހު ފެނިގެންދިޔަ އަޑިގުޑަން ދުވަސްތައް މިހާރުގެ ޒުވާން ޓީމު ވަނީ ނިމުން ގެނެސްދީފަ އެވެ. މިއީ އަނެއްކާ ވެސް ސްޕޭނުން ތައްޓަށް ވާދަކުރާނެ ފަހަރެއް ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.
ކޯޗު ލުއިސް ޑެލަ ފުއެންޓޭގެ ޓީމުގައި މުޅިންވެސް ތިބީ އަރަމުން އަންނަ ހުނަރުވެރިންނެވެ. ބާސެލޯނާގެ ޕައު ސުބާޝީ އާއި ލަމީން ޔަމާލް އާއި ނިކޯ ވިލިއަމް އަދި ޑެނީ އޮލްމޯ ތިބި ޓީމު އެމެރިކް ލަޕޯޓް އާއި ރޮޑްޑީ އަދި އަލްވާރޯ މޮރާޓާފަދަ ކުޅުންތެރިންނާއެކު ތަޖުރިބާއިން މުއްސަނދިކޮށްދެ އެވެ. 
ނަމަވެސް ރަހުމަތްތެރިކަމުގެ މެޗެއްގައި ކޮލަމްބިއާ އަތުން ބަލިވެ، ބްރެޒިލާ ކުޅޭ 3-3 އިން އެއްވަރުކުރުމުން ސްޕޭން ޓީމަކީ އަކީ މުޅިން ފުރިހަމަ ނޫނ ޓީމެއް ކަމަށް ގަބޫލުކުރާ މީހުން ވެސް ގިނަވެއްޖެ އެވެ. އެކަމަކު ޔޫރޯ އަށް ސްޕޭން ދަނީ ވަރަށް ބޮޑު އުއްމީދަކާއެކުގަ އެވެ. 
 
                    16 އަހަރުގެ ކުޅުންތެރިޔާ މާބޮޑެތި ކަންތައްތަކެއް ކޮށްފާނެ ކަމަށް އުއްމީދުކުރުމަކީ އުނދަގޫކަމެކެވެ. އެކަމަކު ފެންނަ ފެނުމުގައި ޓީމުގެ ތަރިއަކީ އޭނާ އެވެ.
 ސްޕޭނަށް އެންމެ ހަނގު އުމުރެއްގައި ކުޅެ އަދި އެންމެ ހަނގުކޮށްހުރެ ގޯލެއް ޖެހި ކުޅުންތެރިއަކީ ވެސް އޭނާ އެވެ.
 މިހެންވެ ސްޕޭނުގެ އެންމެ ގިނަ ބައެއްގެ އުއްމީދުތައް ކޮނޑުއަޅައިގެން ހުންނާނެ މީހަކަށްވާނީ ބާސެލޯނާގެ މި ޒުވާނާ އެވެ. 
 
                    ލުއިސް އެންރީކޭ ވަކިކޮށް ޑެލަފުއްޓޭ ކޯޗަކަށް ގެނައިރު އެއީ ކާކުކަން މާގިނަ ބަޔަކަށް ނޭނގެ އެވެ.
 އެކަމަކު ސްޕޭނުގެ ކުޅުންތެރިންނަކީ ކޮންބައެއްކަން، ކިހިނެތް އުޅޭ ބައެއްކަން އޭނާ ދަނެ އެވެ. ޓީމުގައި މިހާރު ތިބި ގިނަ ކުޅުންތެރިންނަކީ 19 އަހަރުން ދަށާއި 21 އަހަރުން ދަށް އަދި 23 އަހަރުން ދަށުގެ ޓީމުގައި އޭނާ ކޯޗުކޮށްދިން ކުޅުންތެރިންނެވެ.
 
އޭނާގެ ކޯޗުކަމުގައި ސްޕޭނުން ވަނީ 12 މެޗުގައި 30 ގޯލު ޖަހާފަ އެވެ. މިހެންވެ ޔޫރޯ އަކީ އެމީހުން ރަނގަޅު ނަތީޖާތަކަކަށް އުއްމީދުކުރާ މުބާރާތެކެވެ.
 
                             
                            