ޕެރަގުއޭގެ ފަރާތުން ވަރުގަދަ ގައުމީ ޓމެއް ފެނުނީ 1950 އާއި 1980ގެ މެދުތެރެއާ ހަމައަށެވެ. މި ދުވަސްވަރު އެމީހުން ވަނީ ކޮޕާ އެމެރިކާ ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ.
އެއީ 1953 އާއި 1979ގަ އެވެ. މިއަށްފަހު އެ މީހުންނަކީ އާދައިގެ ޓީމެކެވެ. ފައިނަލަށް ދެވުނީ ވެސް 2011 ވަނަ އަހަރު އެކަންޏެވެ.
2010ގެ ފަހުން ވޯލްޑްކަޕަށް ވެސް ކޮލިފައިނުވެ އެވެ.
މި ފަހަރުގެ ކޮޕާ އެމެރިކާ އަށް ނުކުންނައިރު ޕެރަގުއޭ ޓީމާމެދު ގިނަ ބަޔަކު އުއްމީދީ ނަޒަރަކުން ނުބަލަނީ ވެސް މިހެންވެ އެވެ. ޓީމުގައި ގިނައިން ތިބީ އަމިއްލަ ގައުމުގެ ލީގާއި އެމެރިލާ ލީގުގައި ކުޅޭ ކުޅުންތެރިންނެވެ.
ޔޫރަޕުގެ ނަން ހިނގާ ގައުމެއްގައި ކުޅޭ މަދު ކުޅުންތެރިންގެ ތެރެއިން އިޓަލީގެ ޓޯރިނޯ އަށް ކުޅޭ ފޯވަޑް އެންޓޯނިއޯ ސަނަބްރިއާ އާއި އޮމަރް އަލްޑަރެޓޭ އާއި ނިއުކާސަލްގެ މިގުއެލް އަލްމިރޮން އަކީ ފާހަގަކޮށްލެވޭ ކުޅުންތެރިންނެވެ.
މީގެ ސަބަބުން ޕެރެގުއޭއާއެކު މެޗުތަކެއް ކުޅެން ގިނަ ބަޔަކު މާބޮޑު ޝައުގުވެރިކަމެއްނެތެވެ. މި އަހަރުގެ ފުރަތަމަ ފަސް ދުވަސްދުވަހު އެންމެ މެޗެއް ވެސް ނުކުޅެ އެވެ.
ހުސްވި އަހަރު ކުޅުނު ހަތް މެޗުގެ ތެރެއިން ވެނެޒުއޭލާ އާއި އާޖެންޓީނާ އާއި ކޮލަމްބިއާ އަތުން ވޯލްޑްކަޕު ކޮލިފައިންގައި ބަލިވީ އެވެ.
މިގުއެލް އަލްމިރޯން އަކީ ޕެރަގުއޭގެ ހަމަލާތަކުގެ އިސް ލީޑަރެވެ. އިނގިރޭސި ޕްރެމިއާ ލީގުގެ ނިއުކާސަލް އަށް ކުޅެމުން އަންނަ ފޯވަޑް ވަނީ ނިމިދިޔަ ސީޒަނުގައި 45 މެޗުން ފަސް ގޯލު ޖަހައިފަ އެވެ.
އުމުރުން 30 އަހަރުގެ ފޯވަޑްގެ މުޅި ކުލަބު ކެރިއަރުގައި 363 މެޗުން ޖެހިފައިވަނީ 63 ގޯލެވެ. ޕެރަގުއޭގެ ގައުމީ ޓީމަށް 53 މެޗު ކުޅެދީ ޖެހިފައިވަނީ އެންމެ ހަތް ގޯލެވެ.
މިހެންވެ އޭނާ އަކީ އެންމެ މަތީ ފަންތީގެ ފޯވަޑެއް ކަމަށް ދެކޭ މީހުން މަދެވެ.
ގާނެރޯ އަކީ އާޖެންޓީނާ ކޯޗެކެވެ. އޭނާ އަކީ ކުރީގެ މިޑްފީލްޑަރެކެވެ. އޭނާގެ ކުޅުމުގެ ދުވަސްތައް މުޅިން ކަހަލަ ގޮތަކަށް ހޭދަކުރީ އާޖެންޓީނާގަ އެވެ. ކުޑަދުވަސްކޮޅަކު ޗިލީ އާއި މެކްސިކޯގައި ވެސް ކުޅުނެވެ.
ކޯޗިންގެ ތެރެއަށް ގާނެރޯ ނިކުތީ 2002 ވަނަ އަހަރު އެވެ. ފުރަތަމަ ފަސް އަހަރު އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުމަށްފަހު އޭނާގެ ބެލުމުގެ ދަށުން ނުކުތް ފުރަތަމަ ޓީމަކަށްވީ އާޖެންޓީނާގެ އާސެނަލް ދި ސަރަންދީ ކިޔާ ޓީމެކެވެ.
ޕެރަގުއޭ އަކީ ގައުމީ ޓީމަކަށް އޭނާ ކޯޗުކޮށްދޭ ފުރަތަމަ ފަހަރެވެ. 2023 ވަނަ އަހަރު ޓީމާ ހަވާލުވި ފަހުން މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ވަނީ ބަލިވެފަ އެވެ. ކޯޗިން ކެރިއަރުގައި އޭނާ އަށް ތައްޓެއް ހޯދިފައިނުވެ އެވެ.