ބްރެޒިލް އަކީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ގައުމެވެ. ފަސް ފަހަރު ވޯލްޑްކަޕް ކާމިޔާބު ކޮށްފައިވީ ނަމަވެސް މި ފަހަކަށް އައިސް ބްރެޒިލްގެ ވިދުން ވަނީ ފަނޑުވެފަ އެވެ.
އެ ގައުމަށް ވޯލްޑްކޕް ކާމިޔާބު ނުކުރެވޭތާ ވެސް މިހާރު 20 އަހަރުވެއްޖެ އެވެ. އަމުދުން އެންމެ ފަހުގެ ދެ ވޯލްޑްކަޕުން ވެސް މާ އަވަހަށް ކަޓަން ޖެހުމުން ބްރެޒިލްގެ ފެންވަރާމެދު ވަނީ ސުވާލު އުފެދިފަ އެވެ.
ޓީމުގައި ތަރިން ތިއްބަސް ބްރެޒިލްގެ ކުޅުން ރީތި ނުވެފައި، ނަތީޖާ ނުނެރެވެ އެވެ. ބްރެޒިލްގެ ޓީމުގެ ގިނަ ކުޅުންތެރިން މިހާރު ވެސް ކުޅެނީ ގައުމުން ބޭރުގަ އެވެ. ހާއްސަކޮށް އިނގިރޭސި ލީގާއި ސްޕެނިޝް ލީގު އަދި އިޓަލީގަ އެވެ.
ކޮޕާ އެމެރިކާ ބްރޒިލް ވަނީ 9 ފަހަރު ކާމިޔާބުކޮށްފަ އެވެ. އެންމެ ފަހުން ތަށި ހޯދީ 2019 ވަނަ އަހަރު އެވެ. އެންމެ ފަހުގެ މުބާރާޓުގެ ފައިނަލަށް އަމިއްލަ ގައުމުގައި ކުޅެގެން ދިޔަ ނަމަވެސް ތަށީ ދިފާއު ނުކުރެވުމުން މި ފަހަރު ބްރެޒިލްގެ އަމާޒަކީ އަލުން ތާޖު އަތުލުމެވެ.
ހުސްވި އަހަރު ބްރެޒިލް ކުޅުނު އަށް މެޗަށް ބަލާއިރު ފަހު ތިން މެޗުން ބަލިވީ އެވެ. އެއީ އުރުގުއޭ އާއި ކޮލަމްބިއާ އަދި އާޖެންޓީނާ އަތުންނެވެ. މި ތިން މެޗަކީ ވެސް ވޯލްޑްކަޕް ކޮލިފައިންގެ ތިން މެޗެވެ. ކޯޗު ބަދަލުކޮށް މިހާރުގެ ކޯޗަށް ބްރެޒިލް ހަވާލުކުރީ ނަތީޖާތައް މާބޮޑަށް ގޯސްވުމުންނެވެ.
ބްރެޒިލް ޓީމުގެ ތަރިއަކީ ރެއާލް މެޑްރިޑަށް ކުޅޭ 23 އަހަރުގެ ފޯވަޑް ވިނީޝިއަސް ޖޫނިއާ އެވެ. އޭނާ ވަނީ ނިމިދިޔަ ސީޒަނުގައި އެކަނި ވެސް ރެއާލް މެޑްރިޑަށް 39 މޗުން 24 ގޯލު ޖަހައިފަ އެވެ.
އޭނާގެ މުހިންމު ގޯލުތަކާއެކު ރެއާލް މެޑްރިޑް ހޯދި ކާމިޔާބީތަކުގެ ސަބަބުން މި އަހަރުގެ ބެލޮންޑީއޯ އެވޯޑާއި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުން އެންމެ ގާތް ކުޅުންތެރިއަކީ ވެސް ވިނީޝިއަސް އެވެ.
އޭނާ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް 28 މެޗުން ތިން ގޯލު ޖަހައިދީފަ އެވެ. ނޭމާ ނެތުމުން މިއީ ވީނިޝިއަސް ބޭނުން ގޮތަކަށް ވިދާލަން ލިބޭ ރަނުގެ ފުރުސަތެކެވެ.
އަދި ނޭމާ ނެތުމުން ބްރެޒިލް ސަޕޯޓަރުންގެ އުއްމީދުތައް ގުޅިފައިވާ ކުޅުންތެރިއަކީ ވެސް އޭނާ އެވެ.
އުމުރުން 62 އަހަރުގެ ޑޯރިވޯލް ޖޫނިއާ އަކީ ބްރެޒިލްގެ ކާމިޔާބު ކޯޗެކެވެ. އޭނާ އަށް ގައުމީ ކޯޗުކަން ދިނީ ސައުޕޯލޯގެ ކޯޗަކަށް ހުއްޓަ އެވެ. 2002 ވަނަ އަހަރުން ފެށިގެން ކޯޗިންގެ ދާއިރާގައި ހަރަކާތްތެރިވާ ޑޯރިވޯލް މީގެ ކުރިން ގައުމީ ޓީމަކަށް ކޯޗުކޮށްނުދެ އެވެ.
ނަމަވެސް އޭނާ ވަނީ ކުލަބު ލެވެލްގައި ހާއްސަކޮށް ބްރެޒިލްގައި 13 ތަށި ހޯދައިފަ އެވެ. ގައުމީ ކޯޗުކަން ލިބުމުން އޭނާ ބުނީ މިއީ ހުވަފެން ހަގީގަތަކަށްވުން ކަމަށެވެ.
އެއަށް ފަހު އޭނާ ވަނީ ޓީމު ޑިސިޕްލިން ކުރުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. ވަކި ކުޅުންތެރިއެއްގެ މޫނަށް ނުބަލައި ކަންކަން ކުރާ ކޯޗަކަށްވުމުން އޭނާގެ ބެލުމުގެ ދަށުން ބްރެޒިލް ތަފާތުވާނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.