ހަންގޭރީ މަޝްހޫރުވެފައިވަނީ ޑާކް ހޯސްގެ ނަމުންނެވެ. މާނައަކީ އެއީ ހީކުރާފަދަ ދަޅިވަޅުތަކުގައި ނަތީޖާ ނެރޭ ޓީމެކެވެ. މި ފަދަ އެއް ނަތީޖާ އަކީ 2022 ވަނަ އަހަރުގެ ނޭޝަންސް ލީގުގައި އިނގިރޭސިން 4-0އިން ފިތާލުމެވެ.
ހަންގޭރީގައި މިވަގުތު އޮތީ ވަރަށް ހުނަރުވެރި ޒުވާން ކުޅުންތެރިންގެ ޖީލެކެވެ. ޔޫރަޕުގެ އިރުމަތީގައި އޮތް ހަންގޭރީ މި ފަހަރުގެ ކޮލިފައިވީ ބަލިނުވެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ސާބިއާ އާއި މޮންޓްނީގްރޯ އަދި ލިތުއޭނިޔާ އާއި ބަލްގޭރިއާ ހިމެނުނު ގްރޫޕުގައި އެންމެ ގިނަ ގޯލު ޖެހީ ވެސް ހަންގޭރީންނެވެ.
އަދި އެންމެ މަދުން ވަނީ ވެސް އެމީހުން ކޮޅަށެވެ. މީގެ އިތުރުން ބަލިނުވެ 14 މެޗު ހަމަކުރި އެވެ. މިހެންވެ މިފަހަރުގެ ޔޫރޯ އަކީ ހަންގޭރީގެ ޒުވާނުން، ފާއިތުވެދިޔަ ހިތި ނަތީޖާތަކުން، މޯޅިވެފައިވާ ރައްޔިތުންނަސް އުފާވެރިކަން ގެނެސްދޭނެ މުބާރާތެއް ކަމަށް އެ ގައުމުގެ ރައްޔިތުން ދެކެ އެވެ.
މިއީ ހަންގޭރީގެ ޒުވާން ޓީމުގެ ޕޯސްޓަ ބޯއީ އެވެ. އުމުރުން 23 އަހަރުގެ މިޑްފީލްޑަރަކީ އެޓޭކިން އާއި މެދުތެރޭގައި ބައިވެރިވެ، ގޯލާ ރައްޓެހި ކުޅުންތެރިއެކެވެ. ހެޑިން މޮޅު ކުޅުންތެރިއެކެވެ. ލިވަޕޫލުން 60 މިލިއަން ޕައުންޑް ދީފައި އޭނާގެ ސޮއި ހޯދުމާއެކު ޒޮބޮސްލާއީގެ ވިދުވަރު މުޅި ދުނިޔެ އަށް ފެތުރިގެންދިޔަ އެވެ.
އޭނާ އަކީ މި ޓީމުގެ ބަތަލެވެ. ގައުމީ ޓީމަށް ކުޅެދިން 409 މެޗުގައި ވަނީ 17 ގޯލު ޖަހާފަ އެވެ. އޭނާ ނުލައި ކުޅެންޖެހިއްޖެނަމަ އެއީ ހަންގޭރީ ކޯޗުގެ މުޅި ޕްލޭން ފެއިލްވާހާ މި ޓީމަށް މުހިންމު ކުޅުންތެރިއެކެވެ.
އިޓަލީގެ ކޯޗު މާކޯ ރޮސީ ހަންގޭރީ ޓީމާ ހަވާލުވުމުގެ ކުރިން ވެސް މުޅިން ވެސް އުޅުނީ އިޓަލީ އާއި ހަންގޭރީ އަދި ސްލޮވާކިޔާގެ ދަށް ޑިވިޝަންތަކުގަ އެވެ.
އޭނާގެ ގައުމީ ޓީމާ ހަވާލުވީ 2018 ވަނަ އަހަރު އެވެ. އޭނާގެ ކޯޗުކަމުގައި ހަންގޭރީ ޓީމު ބަދަލުވެއްޖެކަމުގެ ހެކި ތަފާސް ހިސާބުން އެކަނި ވެސް ލިބެ އެވެ.
62 މެޗުގެ ތެރެއިން 32 މެޗު ކާމިޔާބުކުރި އެވެ. ނޭޝަންސް ލީގުގައި އިނގިރޭސިންނާއި ޖަރުމަނު އިޓަލީ ހިމެނުނު ގްރޫޕުން ދެ ވަނަ ހޯދި އެވެ.