އެންމެ ފެހުގެ ދެ ވޯލްޑްކަޕާއި ޔޫރޯ އަކީ ޖަރުމަނަށް ހަޖަމްކުރަން ފަސޭހަ މުބާރާތްތަކެއްނޫނެވެ. ދެ ވޯލްޑްކަޕުން ވެސް ކެޓީ ފުރަތަމަ ބުރުންނެވެ. ޔޫރޯގައި ދެވުނީ ގަދަ 16 އަށް އެކަންޏެވެ.
މި ފަހަރުގެ ޔޫރޯ ބާއްވަނީ ޖަރުމަނުގައި ކަމަށްވުމުން އެމީހުން ކޮލިފައިން ކުޅެން ނުޖެހުނެވެ. މިހެންވެ ކުޅުނު ރަހުމަތްތެރިކަމުގެ ގިނަ މެޗުތަކުންވީ ބައްޔެވެ. ކޯޗު ހަންސީ ފްލިކަށް މަގާމު ގެއްލުނީ 2002ގެ ވޯލްޑްކަޕަށް ފަހު ޖަޕާނާއި ކޮލަމްބިއާ އަދި ޕޮލެންޑާއި އޮސްޓްރިއާ އާއި ތުރުކީ އަތުން ވެސް ބަލިވުމުންނެވެ. އޭނާގެ ބަދަލުގައި ކޯޗުކަން ހަވާލުކުރީ ޒުވާން ހޫލިއަން ނާގަލްސްމަނާ އެވެ.
ޖަރުމަނުގެ ސަޕޯޓަރުންގެ ހިތުގައި އޮތް އެންމެ ބޮޑު ބިރުވެރިކަމަކީ މިދިޔަ ހަ އަހަރު ތެރޭގައި ބޮޑެތި މުބާރާތްތަކުން ފެއިލްވިގޮތަށް އަމިއްލަ ގައުމުގައި ވެސް އެކަން ތަކުރާރުވެދާނެތީ އެވެ.
އެކަމަކު ނާގަލްސްމަން ވަނީ ފްރާންސާއި ނެދަލޭންޑް ބަލިކޮށް، ބޮޑު މުބާރާތެއްގައި އެހާ އަވަހަށް ޖަރުމަނު ފެއިލްނުވާނެ ކަމުގެ އުއްމީދު ގެނެސްދީފަ އެވެ.
އޭނާ ޓީމަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ ކުޅުންތެރިންގެ އެކުވެރިކަން އިތުރުކުރުމާއި ތަޖުރިބާކާރު ބައެއް ކުޅުންތެރިންނަށް ޓީމުގައި މުހިންމު ރޯލެއް ދިނުމެވެ.
މީގެ ތެރޭގައި ރިޓަޔާކޮށްގެން ހުރި ޓޯނީ ކުރޫސް އަލުން ޓީމަށް ގެނައުމާއި ބަޔާން މިއުނިކްގެ ތޯމަސް މުލާ އާއި ކެޕްޓަން އަދި ގޯލްކީޕަރު މެނުއަލް ނޯޔާ އަށް ރުއްސުން ހިމެނެ އެވެ.
ތިން އަހަރަށް ފަހު އަލުން ގައުމީ ޖާޒީގައި ފެނުނު ކްރޫސް ރަހުމަތްތެރި ކަމުގެ މެޗުތަކުގައި ފެނުނީ ތަފާތު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ނާގަލްސްމަން ތައްޔާރުކުރާ ޓީމުގެ ހިތަކީ އޭނާ ފަދަ އެވެ.
ޕްރެޝަރު ވަގުތުތަކުގައި މެދުތެރެއިން ޓީމު ހަމަޔަކަށް އަޅުވައިދީ ހަދަ އެވެ.
ރިޓަޔާމެންޓުން އައިސް ކުޅުނު ފުރަތަމެ މެޗުގައި މެޗުގައި އެންމެ ހަތް ސިކުންތު ތެރޭގައި ފްރާންސް ކޮޅަށް ނުރައްކާތެރި ހަމަލާއެއް އުފައްދައިދިނުމުން އޭނާގެ މުހިންމުކަން ސަޕޯޓަރުންނަށް އިހުސާސްކުރަންޖެހުނެވެ.
މެޗަށް ފަހު ނާގަލްސްމަން ބުނީ ކްރޫސް އަކީ ހީނުކުރާފަދަ މޮޅު ކުޅުންތެރިއެއް ކަމަށެވެ.
ޝައްކެތް ނެތް ގޮތުގައި ހުސްވި އަހަރު ބަޔާންގެ ކޯޗުކަމުން ނާގަލްސްމަން ވަކިކުރުމަކީ އެ ޓީމުން ހެދި ވަރަށް ބޮޑު ގޯހެކެވެ. އޭނާ އަށް ފަހު އެ ޓީމަށް އަރައިނުގަނެވުނެވެ.
ގައުމީ ޓީމާ ހަވާލުވުމަށްފަހު ނާގަލްސްމަން ވަނީ ހަ މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށްދީފަ އެވެ. ތަޖުރިބާކާރުންގެ ނަޒަރުގައި ނާގަލްސްމަންގެ ހިޔާލުތަކަށް ފެތިގެން ޖަރުމަނު ކުޅެން ފެށީ ފުރަތަމަ ތިން މެޗަށް ފަހު އެވެ.