ޖެމެއިކާގެ ގައުމީ ޓީމު މަޝްހޫރުވެފައިވަނީ ރެގޭ ބޯއީސްގެ ނަމުންނެވެ. ހުސްވި އަހަރު އެމީހުން ވަނީ 15 މެޗެއް އަދި މި އަހަރު މިހާތަނަށް ހަތަރު މެޗު ކުޅެފަ އެވެ.
މީގެ ތެރެއިން ބަލިވީ ގަތަރާއި ޖޯޑަން އަދި މެކްސިކޯ އާއި ކެނެޑާ އެމެރިކާ އަތުންނެވެ. މިހެންވެ ފެންވަރު ރަނގަޅު ޓީމަކާ ކުޅެން ޖެހިއްޖެނަމަ ޖެމެއިކާ އަށް ކުރިއަށް ނުދެކޭ ކަމަށް ދެކޭ މީހުން ގިނަ އެވެ.
ދުނިޔެ ދެކެފައިވާ އެންމެ މަޝްހޫރު އަދި ކާމިޔާބު ދުވުންތެރިޔާ އުސައިން ބޯލްޓްގެ ގައުމު މިހާތަނަށް ވޯލްޑްކަޕުން ވެސް ފެނިފައިވަނީ އެންމެ ފަހަރަކު އެވެ.
އެއީ 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި މުބާރާތުންނެވެ. ކޮޕާ އެމެރިކާގައި ދެ ފަހަރު ކުޅެފައިވާއިރު 2015 އަދި 2016 ވަނަ އަހަރު ވެސް ކެޓީ ގްރޫޕް ސްޓޭޖުންނެވެ.
ޖެމެއިކާގެ ކާމިޔާބީ ފެންނަން އޮތީ ކެރީބިއަން ގައުމުތަކުގެ މުބާރާތުންނެވެ. އެ މުބާރާތް ހަ ފަހަރު ކާމިޔާބުކޮށްފައިވެ އެވެ.
ޓީމުގެ އެންމެ މަޝްހޫރު ކުޅުންތެރިއަކީ އެމެރިކާގެ ފިލަޑެލްފިއާ އަށް ކުޅޭ ގޯލްކީޕަރު އަންދްރޭ ބްލާކޭ އެވެ. އުމުރުން 33 އަހަރުގެ ކީޕަރު ވަނީ މިހާތަނަށް ގައުމީ ޓީމަށް 75 މެޗު ކުޅެދީފަ އެވެ.
އޭނާވަނީ ކޮންކާކަޕް ގޯލްޑްކަޕުގެ ޑްރީމު ޓީމުގައި އެއް ފަހަރު ހިމެނި 2017 ވަނަ އަހަރު އެންމެ މޮޅު ކީޕަރުގެ މަގާމު ހޯދައިފަ އެވެ. އަދި އެމެރިކާގެ މޭޖަރ ސޮކާ ލީގުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ތިން ފަހަރު ހޯދާފައިވެ އެވެ.
ކޯޗު ހައިމީރް ހަލްގްރިމްސަން އަކީ 2018 ވަނަ އަހަރުގެ ވޯލްޑްކަޕުގައި ވާދަކުރި އައިސްލޭންޑް ޓީމު ކޯޗެވެ.
އޭނާ ވަނީ 2022 ވަނަ އަހަރު ސެޕްޓެމްބަރު މަހު ޖެމެއިކާގެ ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން ގަތަރުގެ އަލް އަރަބީ އަށް ވެސް ކޯޗުކޮށްދީފަ އެވެ.
އުމުރުން މިހާރު 56 އަހަރުގެ އައިސްލޭންޑްގެ ކޯޗު 1993 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް ކޯޗުކޮށްދިނީ އަންހެން ޓީމުތަކަށެވެ.