ޕެނަމާ އަކީ ހުސްވި އަހަރާއި މި އަހަރު އެންމެ ގިނަ އަދަދަކަށް މެޗު ކުޅުނު ގައުމެވެ. ޖުމުލަ 17 މެޗު ކުޅެފައިވާއިރު އެ ގައުމު ބަލިވީ ކެނެޑާ އާއި މެކްސިކޯ އަތުން ތިން ފަހަރު އަދި ޖެމެއިކާ އަތުންނެވެ.
އެކަމަކު މޮޅުވެފައިވަނީ ވެސް ވަރަށް އާދައިގެ ޓީމުތަކާ ކުޅެގެން ކަމަށްވާތީވެ ކޮޕާ އެމެރިކާގައި އެމީހުންނަށް މާ ރަނގަޅު ހިސާބަކަށް ނުދެވޭނެ ކަމަށް ގިނަ ބަޔަކު ޔަގީންކުރެ އެވެ.
ޕެނަމާ މިހާތަނަށް ވޯލްޑްކަޕުގައި ކުޅުނީ އެންމެ ފަހަރަކު އެވެ. އެއީ 2018 ވަނަ އަހަރު އެވެ. ނަމަވެސް ކޮންކާފް ގޯލްޑްކަޕުގެ ތަށި ނުލިބުނަސް އެ މުބާރާތުގެ ތިން ވަނަ އެއް ފަހަރު އަދި ތިން ފަހަރު ފައިނަލް ކުޅެފައިވެ އެވެ.
ކޮޕާ އެމެރިކާގައި މިހާތަނަށް ކުޅުނީ އެންމެ ފަހަރަކު އެވެ. އެއީ 2016 ވަނަ އަހަރު އެވެ. ދިޔައީ 12 ވަނަ އަށެވެ.
ޕެނަމާގެ ކުޅުންތެރިން ދުނިޔޭގެ އެތަން މިތަނުގައި ކުޅެ އެވެ. ފްރާންސާއި ޕޯޗުގަލް އަދި މެކްސިކޯ އާއި އޭޝިޔާއިން ސައޫދީ އަރަބިއާ ލީގުން ވެސް ޕެނަމާ ކުޅުންތެރިން ފެނެ އެވެ.
އުމުރުން 34 އަހަރުގެ އަނިބާލް ގޮޑޯއީ އަކީ ޓީމުގެ ކެޕްޓަނެވެ. އޭނާ ކުޅެނީ ޑިފެންސިވް މިޑްފީލްޑަށެވެ. ޖާނު ވަރުގަދަ އަދި ޖެހިލުން ކުޑަ ކުޅުންތެރިއެކެވެ.
އޭނާ ވަނީ ޕެނަމާގެ ގައުމީ ޓީމަށް 136 މެޗު ކުޅެދީ ހަތަރު ގޯލު ޖަހައިދީފަ އެވެ. ގައުމީ ޓީމަށް 2010 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ކުޅުންތެރިޔާ މިހާރު ކުޅެމުންދާ ކުލަބަކީ އެމެރިކާގެ ނަޝްވެލީ އަށެވެ. އޭނާ ވަނީ ކުލަބު ކެރިއަރުގައި މިހާތަނަށް 267 މެޗު ކުޅެ 16 ގޯލު ޖަހައިފަ އެވެ.
ކޯޗު ތޯމަސް ކްރިސްޓިއަންސެން އަކީ ޑެންމާކު މީހެކެވެ. އުމުރުން 51 އަހަރުގެ ކޯޗު ޕެނަމާއާ ހަވާލުވީ 2020 ވަނަ އަހަރު އެވެ.
އޭނާ ވަނީ މީގެ ކުރިން ލީޑްސް ޔުނައިޓެޑަށް ވެސް ކޯޗުކޮށްދީފަ އެވެ. އޭނާ އަކީ ޑެންމާކު މީހަކަށްވި ނަމަވެސް ކްރިސްޓިއަންސެން ކުޅުނީ ސްޕޭނަށެވެ.
ސްޕޭނުގެ 21 އަހަރުން ދަށުގެ ޓީމަށް 11 މެޗު އަދި ސީނިއާ ޓީމަށް 1993 ގައި ދެ މެޗު ކުޅެފައިވެ އެވެ. އަދި ސްޕޭނުގެ ބާސެލޯނާ އަށް 93 އިން 96 އަށް ކުޅެދީ އެ ޓީމާއެކު ޔޫއޭފާ ސުޕަކަޕް ކާމިޔާބުކޮށްފަ އެވެ.