ޕެރޫގެ ގައުމީ ޓީމުގެ އެންމެ ހާއްސަ އެއް ސިފައަކީ އެމީހުންގެ ޖާޒީ އެވެ. ޖާޒީގައި ދަމާލާފައިވާ ރަތްކުލައިގެ ސްކާފުން ވެސް އެއީ ކޮން ބައެއްކަން ދެނެގަނެވޭނެ އެވެ. މި ސްކާފަކީ 1936 ވަނަ އަހަރުން ފެށިގެން ޕެރޫގެ ގައުމީ ޖާޒީގެ އެންމެ ހާއްސަ އެއް ސިފަ އެވެ.
ޕެރޫ އަކީ ފުޓްބޯޅައިގެ ސަރަހައްދަކަށް ނިސްބަތްވި ނަމަވެސް ކާމިޔާބު ގައުމެއްނޫނެވެ. އެމީހުންނަށް ކޮޕާ އެމެރިކާ ކާމިޔާބު ކުރެވުނީ ވެސް އެންމެ ދެ ފަހަރު އެވެ. އެއީ 1939 އާއި 1975ގަ އެވެ.
މިއަށްފަހު މުބާރާތުގައި ޕެރޫގެ ވިދުން އެންމެ ގަދަވީ 2019 ވަނަ އަހަރު އެވެ. އެ ފަހަރު ބްރެޒިލް އަތުން ފައިނަލުގައި ބަލިވީ އެވެ. އެކަމަކު ފާއިތުވެދިޔަ 40 އަހަރު ތެރޭގައި ޕެރޫ ވޯލްޑްކަޕަށް ކޮލިފައިވީ ވެސް އެންމެ ފަހަރު އެވެ. އެއީ ރަޝިޔާގައި 2018 ވަނަ އަހަރު އޮތް މުބާރާތަށެވެ.
ފާއިތުވެދިޔަ އަހަރު އެމީހުން ކުޅުނު އަށް މެޗުގެ ތެރެއިން ފަސް މެޗަކުން ވަނީ ބަލިވެފަ އެވެ. މޮޅުވީ އެކުވެރިކަމުގެ މެޗެއްގައި ދެކުނު ކޮރެޔާ އަތުން އެކަންޏެވެ.
ޕައުލޯ ގަރޭރޯ ގޮންޒާލޭޒަކީ އުމުރުން 40 އަހަރުވެފައިވާ ކުޅުންތެރިއެއް ނަމަވެސް ޕެރޫގެ ކެޕްޓަނެވެ. އިސްކޮޅުގައި ހަ ފޫޓު އެއް އިންޗި ހުންނަ ފޯވަޑް ވަނީ އޭނާގެ ކެރިއަރުގައި މިހާތަނަށް ގައުމީ ޓީމަށް 117 މެޗުން 39 ގޯލު ޖަހައިދީފަ އެވެ.
މި އަހަރުން ފެށިގެން ގެރޭރޯ ކުޅެމުންދަނީ ޕެރޫގެ ޔުވާސިޑާޑް ކުލަބަށެވެ. އޭނާ އަކީ ކުރިން ޖަރުމަނުގެ ބަޔާން މިއުނިކްގެ ކުޅުންތެރިއެކެވެ.
އެކުލަބަށް 2004 އިން 2006 އަށް ކުޅެދީ 27 މެޗުން ވަނީ 10 ގޯލު ޖަހައިދީފަ އެވެ. އޭގެ ފަހުން ބްރެޒިލްގެ ކޮރިންތިއަންސް އާއި ފެލްމިންގޯ އަދި އިންޓަނޭސިއޮނަލް އަށް ވެސް ކުޅުނެވެ.
އުމުރުން 71 އަހަރުގެ ޖޯޖް ފޮސާޓީ އަކީ ވަރަށް ތަޖުރިބާކާރު ކޯޗެކެވެ. އޭނާ ޕެރޫގެ ގައުމީ ޓީމާ ހަވާލުވީ ހުސްވި އަހަރު އެވެ.
މީގެ ކުރިން އޭނާ ވަނީ ގަތަރާއި އުގުރުއޭގެ ގައުމީ ކޯޗުކަން ވެސް އަދާކޮށްފަ އެވެ. ފޮސާޓީގެ އެންމެ ހާއްސަ ކާމިޔާބީތަކުގެ ތެރޭގައި ހިމެނެނީ 2004 ވަނަ އަހަރު އުރުގުއޭއާއެކު ކޮޕާ އެމެރިކާގެ ހަތަރު ވަނަ ހޯދުމެވެ. އޭނާ ވަނީ އެމެރިކާ ބައްރާއި ގަތަރުގެ ބައެއް ކުލަބުތަކުގައި މެދުފަންތީގެ މުބާރާތްތަކެއް ކާމިޔާބުކޮށްފަ އެވެ.