ޕޮލެންޑަކީ މި ފަހަރުގެ ޔޫރޯ އަށް އެންމެ ފަހުން އަދި އެންމެ އުނދަގޫކޮށް ކޮލިފައިވި ގައުމެވެ. އެމީހުން ކޮލިފައިވީ ޕްލޭއޯފްގައި ޕެނަލްޓީ ޖަހައިގެން ވޭލްސް ބަލިކޮށްގެންނެވެ.
މިހެންވުމާއެކު ޕޮލެންޑްގެ އުއްމީދުތައް އެހާ މައްޗެއްނޫނެވެ. ސަބަބަކީ ޓީމުގެ އެންމެ ވިދުންގަދަ ދުނިޔޭގެ ފެންވަރުގެ ތަރި ރޮބަޓް ލެވޮންޑޯސްކީ އަށް ވެސް ބައިނަލް އަގްވާމީ މުބާރާތެއްގައި މާ އެދެވޭ ކުޅުމެއް މިހާތަނަށް ދެއްކިފައި ނެތުމުންނެވެ. އޭނާގެ އެންމެ ޒުވާން ދުވަސްވަރުގައި ނުދެއްކުނު ފަންވަރެއް އުމުރުން 34ގައި ދެއްކޭނެ ކަމަށް ގަބޫލުކުރާ މީހުން ނުހަނު މަދެވެ.
މި ފަހަރުގެ ޔޫރޯ ކޮލިފައިންގައި ވެސް ޕޮލެންޑްގެ ނަތީޖާތައް އެހާމެ ދެރަ އެވެ. ޕްލޭއޯފް ކުޅެން ޖެހުނީ ޗެކް ރިޕަބްލިކާއި އަލްބޭނިއާއަށްވުރެ ހތަރު ޕޮއިންޓް މަދުވެ ގްރޫޕްގެ ތިން ވަނަ އަށް ދިއުމުންނެވެ. ދުނިޔޭގެ 155 ވަނނާގައި އޮތް މޯލްޑޯވާއަށްވުރެ އިތުރަށް ހޯދުނީ އެންމެ ޕޮއިންޓެކެވެ.
ބާސެލޯނާގެ ފޯވަޑް ލެވޮންޑޯސްކީ އަށް ނިމިދިޔަ ސީޒަނަކީ ކުލަބު ލެވެލްގައި ވެސް އެންމެ ރަނގަޅު ސީޒަނެއްނޫނެވެ.
އޭނާ އަށް ގައުމީ ޓީމަށް މިހާތަނަށް ޖެހިފައިވަނީ 147 މެޗުގައި 81 ގޯލެވެ. މިއާއެކު އޭނާ އަކީ ޕޮލެންޑްގައި ލެޖެންޑަކަށްވި ނަމަވެސް ބައިނަލް އަގްވާމީ މުބާރާތްތަކުގެ ރެކޯޑް ވަރަށް ގޯހެވެ. 18 މުބާރާތުން އޭނާ އަށް ޖެހުނީ އެންމެ އަށް ގޯލެވެ. މި ސީޒަނުގައި ބާސެލޯނާގައި ރަނގަޅު ކުޅުމެއް ނުދެއްކުމުން އޭނާ ވިއްކާލުމަށް ކުރީގެ ކޯޗު ޒަވީ ހަނާންޑޭޒް ނިންމި އެވެ.
ސަބަބަކީ ކުރީގެ ފޯމަށް އެނބުރި ނާންނާނެ ކަމަށް ބެލެވުމެވެ.
ޕްރޮބިއޭޒް ކުރިން ހުރީ 21 އަހަރުން ދަށުގެ ޓީމުގަ އެވެ. އޭނާ ގައުމީ ޓީމާ ހަވާލުވީ ޔޫރޯ ފެށުމުގެ ކުރިން ކޯޗުކަމުން ފެނާންޑޯ ސަންޓޯސް ވަކިކުރުމުންނެވެ.
ޔޫރޯ އަށް ޕޮލެންޑް ކޮލިފައި ކޮށްދިނުމުގެ ހުރިހާ ޝުކުރެއް އޮތީ ކޯޗަށެވެ. އެކަމަކު އޭނާ އަކީ އިންޓަނޭޝަނަލް މުބާރާތެއްގެ ތަޖުރިބާ ނެތް ކޯޗަކަށްވުމުން ގިނަގިނ ސުވާލުތަކެއް މީޑިއާތަކުން އުފައްދަ އެވެ.