ފާއިތުވެދިޔަ ދެ އަހަރަށް ބަލާއިރު ނެދަލޭންޑްސް ޓީމުން ފެނިފައިވަނީ މުޅިން ވެސް ތަރިންނެވެ. މިހެންވެ މިއީ ބައިނަލް އަގްވާމީ ސަފުން އޮރެންޖް ލަޝްކަރު ކާމިޔާބު ހޯދަންޖެހޭ ފަހަރު ކަމަށް ދެކޭ މީހުން މަދެއްނޫނެވެ.
އެކަމަކު ބޮޑު މުބާރާތްތަކުގެ ޓްރެކް ރެކޯޑަށް ބަލާއިރު އެމީހުންނާމެދު އަބަދުވެސް ކުރާ ސުވާލު އަދިވެސް ދެމި އޮންނާނެ އެވެ. ތަށި ނުލިބެނީ ނުވަތަ ތައްޓާ ގާތަށް ވެސް ނުދެވެނީ ކީއްވެ ހެއްޔެވެ؟ އެންމެ ބޮޑު ސަބަބަކީ ގަދަ ޓީމުތައް އަތުން މޮޅުނުވެވުމެވެ. ފާއިތުވެދިޔަ 14 މަސް ދުވަހުގެ ތެރޭގައި އެކަނި ވެސް ފްރާންސް އަތުން ދެ ފަހަރު ބަލިވެ، އިޓަލީ އާއި ކްރޮއޭޝިޔާ އަދި ޖަރުމަނު އަތުން ވަނީ ބަލިވެފަ އެވެ. މިއީ ޓީމުގެ އެންމެ ބޮޑު ބަލިފަޔެވެ.
ނެދަލޭންޑްސް މުބާރާތަށް ކޮލިފައިވީ ފްރާންސް ދެކޮޅަށް ކުޅުނު ދެ މެޗުން ބަލިވި ނަމަވެސް ބާކީހުރި މެޗުތަކުން މޮޅުވެ ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. ޓީމުގެ ފަހަތުގައި ކެޕްޓަން ވާޖިލް ވެންޑައިކް އާއި ނަތަން އާކް އަދި ފޯވަޑް ލައިނުގައި މެމްފިސް ޑެޕާއީ އާއި ކޯޑީ ގަޕޯގެ އިތުރުން ޒަވީ ސިމޮސް ތިބުމުން ޓީމަށް ފުރިހަމަކަމެއް ލިބެ އެވެ.
ޕީއެސްޖީގެ 20 އަހަރުގެ ޒަވީ ސިމޮންސް ވަނީ ލައިޕްޒިގްގައި މިދިޔަ ސީޒަނުގައި މޮޅަށް ކުޅެފަ އެވެ. ނަތީޖާއެއްގެ ގޮތުން ގައުމީ ޓީމުން ގަވާއިދުން ޖާގަ ލިބޭ ކުޅުންތެރިއަކަށްވި އެވެ. އަދި މިފަހަރުގެ މުބާރާތަކީ ޔޫރަޕުގައި އޭނާ ވިދާލުމަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ.
އޭނާ އަކީ މިހާރު ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން އެންމެ ބޭނުންވާ އެއް މިޑްފީލްޑަރު ވެސްމެ އެވެ.
ހާއްސަކޮށް ސްޕޭނުގެ ބާސެލޯނާއިންނެވެ. ސަބަބަކީ އޭނާ އަކީ ބާސެލޯނާގެ ގްރެޖުއޭޑަކަށްވީތީ އެވެ.
ރޮނަލްޑް ކޫމަން އަކީ ދުނިޔޭގެ ލޯތަކަށް ފަރިތަ މޫނެކެވެ. ސައުތެމްޓަނާއި އެވަޓަން އަށް ވެސް ކޯޗުކޮށްދިން ކޫމަން ގައުމީ ޓީމާ ހަވާލުވީ ބާސެލޯނާގެ ކޯޗުކަމުން ވަކިކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ. ކޫމަންގެ ސްޓައިލަކީ ވަރަށް ގިނަ މީހުންނަށް އެހާ ކަމުދާ ސްޓައިލެއްނޫނެވެ.
އެކަމަކު އޭނާގެ ޑިފެންސިވް ސްޓައިލްގައި ވެސް ކުޅުނު ގިނަ މެޗުތަކުން މޮޅުވެފައިވުމުން ކޫމަން އަށް ނެދަލޭންޑްސްގެ ކުޅުންތެރިންނާއި ފެޑަރޭޝަނުގެ އިތުބާރު އެބައޮތެވެ.