ސްލޮވާކިޔާ އަކީ ފަހަކަށް އައިސް ޔޫރަޕުގެ މެދުފަންތީގެ ގައުމުތަކުގެ ތެރެއިން ދެމެހެއްޓެނެވި ގޮތެއްގައި އެންމެ ރަނގަޅު ނަތީނާ ހޯދަމުން އައި އެއް ގައުމެވެ. މި ފަހަރުގެ ޔޫރޯ ކޮލިފައިންގައި ވެސް އެމީހުން ބަލިވީ 10 މެޗުގެ ތެރެއިން އެންމެ ދެ މެޗުންނެވެ. އެވެސް ވަރުގަދަ ޕޯޗުގަލް އަތުންނެވެ. ސްލޮވާކިޔާގައި ވެސް ހުނަރުވެރި ޓީމެއް އެބައޮތެވެ.
އިޓަލީގެ ނަޕޯލީ އަށް ކުޅޭ މަރެކް ހަމްސިކް ސްޓަނިސްލާވް ލޮބޮޓްކާ އާއި ފްރާންސެސްކޯ ކަލްޒޯނާ އާއި ޕީއެސްޖީގެ މިލާން ސްކްރިނިއާ އާއި ނިއުކާސަލްގެ ކީޕަރު މާލް ޑުބްރަވްކާ ފަދަ ކުޅުންތެރިންނަކީ ޓީމުގެ މުހިންމު ކުޅުންތެރިންނެވެ.
މި ހުރިހާ ކުޅުންތެރިންނަކީ އެންމެ މަތީ ފަންތީގެ ލީގުތަކުގައި ކުޅޭ ކުޅުންތެރިން ކަމުން އެމީހުންގެ ތަޖުރިބާގެ އަލީގައި ޔޫރޯގައި ދެ ވަނަ ބުރަށް ދިއުމަށް އެމީހުން އުއްމީދު ކުރެ އެވެ.
ބައިނަލް އަގްވާމީ ފުޓްބޯޅައިގައި ސްލޮވާކިޔާގެ އެންމެ ވަރުގަދަ ނަމަކީ ޑިފެންޑަރު މިލާން ސްކްރިނިއާގެ ނަމެވެ. އިޓަލީގެ އިންޓަމިލާނުގައި މޮޅަށް ކުޅެކުޅެ ހުއްޓައި އަގުބޮޑުކޮށް، ފްރާންސްގެ ޕީއެސްޖީން އޭނާ ދަމައިގަތީ ވެސް ސްކްރިނިއާގެ ހުނަރުގެ އަގު ބަލަބަލައި ތިއްބައި އުފުލެން ފެށުމުންނެވެ.
އޭނާ އަކީ ޓީމުގެ ކެޕްޓަނެވެ. ގައުމީ ޓީމަށް މިހާތަނަށް 66 މެޗު ކުޅެދީފައިވާއިރު މި ފަހަތުގެ ޔޫރޯ އަކީ ސްކްރިނިއާ ގަބޫލުކުރާ ގޮތުގައި ގައުމު ހެއްވާލައި ޔޫރަޕުގައި ވިދާލަން ލިބޭނެ އެންމެ ރަނގަޅު ފުރުސަތެވެ.
ކަލްޒޯނާ އަކީ ކުރިން ކޮފީ ވިއްކަން އުޅުނު މީހެކެވެ. އޭނާ ކޯޗިން އައީ އިޓަލީގެ ކޯޗު މައުރީޒިއޯ ސާރީގެ އެސިސްޓެންޓަކަށެވެ.
މީގެ އިތުރުން އޭނާ ވަނީ ނަޕޯލީގައި އިޓަލީގެ ކޯޗު ލޫސިއާނޯ ސްޕަލެއްޗީގެ އެސިސްޓެންޓަކަށް ވެސް މަސައްކަތް ކޮށްފަ އެވެ. ގައުމީ ޓީމާ އޭނާ ހަވާލުވީ 2022ގަ އެވެ. އެކަމަކު ނަޕޯލީގެ ނަތީޖާތައް އާދަޔާ ހިލާފަށް ދަށްވާން ފެށުމުން އޭނާ ވަނީ ގައުމީ ޓީމުގެ ވަޒީފާއާ އަދާކުރަމުން މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ސީޒަން ނިމެންދެން ނަޕޯލީ އަށް ކޯޗުކޮށްދީފަ އެވެ.