ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް އަކީ ޔޫރޯ ކާމިޔާބު ކުރުމަށް ޖަރުމަނަށް އަންނަ އެއް ގައުމެވެ. މާޗު މަހު ސްލޮވީނިއާ އަތުން 2-0އިން ބަލިވުމުގެ ކުރިން ކޯޗު ރޮބާޓޯ މާޓިނޭޒްގެ ކޯޗުކަމުގައި އެމީހުން ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކުރި އެވެ. ޕޯޗުގަލްގައި އޮތީ ހުނަރުން ފުރިގެންވާ ކުޅުންތެރިންގެ ޓީމެކެވެ.
ޓީމުގެ އެންމެ ގަދަ ޑިޕާޓްމަންޓަކީ ފޯވަޑް ލައިނެވެ. ކޮލިފައިންގައި ކުޅުނު 10 މެޗުގައި ޖެހި 36 ގޯލުން އެކަނި ވެސް މިކަމަށް ޔަގީންކޮށްދެ އެވެ.
ފްރާންސާއި އިނގިރޭސިން ފަދައިން ޕޯޗުގަލް އަކީ ޔޫރޯގައި އެހެން ޓީމުތަކުން ކުރިމަތިލާން ޖެހިލުންވާނެ ޓީމަކަށްވާނެ އެވެ.
ރޮނާލްޑޯ ހުއްޓަސް މިހާރު ޕޯޗުގަލް ޓީމުގެ ތަރިއަކީ މެންޗެސްޓާ ސިޓީގެ ބެނާޑޯ ސިލްވާ އެވެ. އޭނާ ފިޓްކޮށް ހުރެފިނަމަ މުޅި ޓީމު ބިނާވަނީ އޭނާގެ މައްޗަށެވެ.
ކޯޗު އެޓޭކް އަތުރާފައިވަނީ އޭނާ އަށް މުހިންމު ރޯލެއް ދީގެންނެވެ. ގައުމީ ޓީމަށް 88 މެޗު ކުޅެދީފައިވައިވާ 29 އަހަރުގެ އެޓޭކިން މިޑްފީލްޑަރު ދައްކާ ކުޅުމަކީ ޕޯޗުގަލްގެ ރިޔަލުގައި ވައިހިފާނެ މައިގަނޑު ސަބަބަށްވާނެ އެވެ.
ރޮބާޓޯ މާޓިނޭޒަކީ އެވަޓަންގެ ކުރީގެ ކޯޗެވެ. އޭނާ ޕޯޗުގަލްއާ ހަވާލުވީ އެންމެ ފެހުގެ ދެ ވޯލްޑްކަޕުގައި ބެލްޖިއަމަށް ކޯޗުކޮށްދިނުމަށްފަހު އެވެ.
ހަ އަހަރުގެ މަސައްކަތުން ވެސް އޭނާ އަށް ބެލްޖިއަމްގެ ރަންޖީލު ގޮވައިގެން ކާމިޔާބު ނުލިބުމުން ފާޑުކިއުން ވަނީ އަމާޒުވަފަ އެވެ.
ހާއްސަކޮށް އެންމެ ފަހުގެ ވޯލްޑްކަޕުގައި މޮރޮކޯ އަތުން ބަލިވެ، މުބާރާތުން ކެޓުމުންނެވެ. ނަމަވެސް ބެލްޖިއަމާއެކު ހޭދކުރި ހަ އަހަރު ތެރޭގައި ކުޅުނު ބޮޑު ތިން މުބާރާތުގެ ތަޖުރިބާއިން ޕޯޗުގަލް ތައްޓާ ހިސާބަށް ގެންގޮސްދެވިދާނެ ކަމަށް އެ ގައުމުގެ އެފްއޭއިން ދެކެ އެވެ.